ފަރުމަސް އާލާކުރުމުގެ ހުނަރު ތަރައްގީ ކޮށް، މި ދާއިރާއިން ފަންނީ މީހުން އުފެއްދުމަށް ހިންގާ ”މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް“ ގައި ބައިވެރިވުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
އެ ވުޒާރާއިން ބުނީ މި ކޯސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ކ. މަނިޔަފުށި ރިސާޗް އެންޓް ޓްރެއިނިން ފެސިލިޓީގައި ކަމަށެވެ. އަދި އަންނަ ޖެނުއަރީ 24 އިން ފެބްރުއަރީ 5 އަށް ކުރިއަށް ގެންދާ މި ކޯހުގައި ބައިވެރިވެވެނީ ޖުމްލަ 15 ފަރާތަކަށް ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ.
އެ ވުޒާރާއިން ބުނީ 15 ފަރާތަށްވުރެ އިތުރަށް ފޯމު ހުށަހަޅާފައިވާނަމަ ބައިވެރިން ހޮވާނީ ފޯމު ހުށަހަޅާ ތަރުތީބުން ކަމަށެވެ. އަދި މި ކޯސް ކުރިއަށް ގެންދަނީ އެ ވުޒާރާ އާއި މޯލްޑިވްސް މެރިން ރިސާޗް ސެންޓާ (އެމްއެމްއާރުއައި) އާއި ގުޅިގެން ކަމަށްވެސް މަސްވެރިކަމާބެހޭ ވުޒާރާއިން ބުންޏެވެ.
11 ޖެނުއަރީ 2026 ގެ ނިޔަލަށް މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.
ކޯހުގެ މުއްދަތުގައި ބައިވެރިން ތިބުމަށް ހަމަޖެހިފައިވާނީ ކ. މަނިޔަފުށީގައެވެ. އަދި ކޯހުގެ ބޭނުމަށް މާލެ އާއި މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތަކާއި ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމް މި އިންސްޓިޓިއުޓްގެ ފަރާތުން ހަމަޖައްސައިދޭނެ ކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ.





