ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ބޭގަމް ހާލިދާ ޒިޔާއަކީ ރާއްޖެއާއި ގާތް ގުޅުމެއް ބޭއްވެވި ބޭކަނބަލެއްކަން ކަމަށް މަތީ ތައުލީމާއި މަސައްކަތް ތެރިކަމާއި ހުރަނުތައް ތަރައްގީ ކުރުމާއި ބެހޭ ވަޒީރު، ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން، އެގައުމުގެ ކުރީގެ ބޮޑު ވަޒީރު، ބޭގަމް ހާލިދާ ޒިޔާ ރަސްމީ އިއްޒަތުގައި ފަސްދާނުލުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ބަންގްލަދޭޝްއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝްގެ އިންޓަރިމް ސަރުކާރުގެ ޗީފް އެޑްވައިޒަރު، ޑރ. މުހައްމަދު ޔޫނުސް އާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުކުރެއްވުން އޮތީ، އިއްޔެ އެ ގައުމުގެ ވެރިރަށް ޑާކާގައެވެ.
މި ބައްދަލުވުމުގައި ޗީފް އެޑްވައިޒާ ވަނީ ރައީސްގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ވަޒީރު، އެގައުމަށް މިފަދަ ދަތުރުފުޅެއް ކުރެއްވީތީ ޝުކުރުވެސް އަދާކުރައްވާފައެވެ. އަދި ވަޒީރު ހައިދަރު ވަނީ ރައީސް ޑރ. މުއިއްޒުގެ ފަރާތްޕުޅުން ތައުޒިޔާ ދަންނަވާ، ދިވެހިރާއްޖެއަށް ބަންގްލަދޭޝްއަކީ މުހިންމު ގައުމެއް ކަމަށާއި، ދިވެހި މުޖުތަމައު ތަރައްގީ ކުރުމުގައި އެގައުމުގެ މަސައްކަތްތެރިންގެ ދައުރަށް، އަލިއަޅުވާލައްވާ ވާހަކަފުޅުވެސް ދައްކަވާފައެވެ.
މީގެ އިތުރުން، ދިވެހި ދަރިވަރުން މެޑިކަލް އިންޓާންޝިޕް ނިންމުމުގައިި އެގައުމުން ފަހިކޮށްދެމުންދާ ފުރުސަތުތަކަށްވެސް ވަޒީރު ވަނީ ޝުކުރުއަދާކުރައްވާފައެވެ.
ޗީފް އެޑްވައިޒަރު ވިދާޅުވީ ދިވެހިރާއްޖެއާއި ބަންގްލަދޭޝްއަކީ ގާތް އެކުވެރި ދެގައުމެއް ކަމަށާއި ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕޮރޭޝަން (ސާކް) ގެ ގައުމުތަކުގެ ވެރިންނާއި ބައްދަލުވެވަޑައިގެންފައިވާ ކަމަށެވެ. އަދި ޖަމާއަތެއްގެ ގޮތުގައި އަދިވެސް ސާކް ހަރަކާތްތެރިވާކަމުގެ ޔަގީންކަން އޮތްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ އެ ގައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބު ކާމިޔާބުކަމާއެކު ބޭއްވޭނެ މަގުފަހިވުމަށް އެދިވަޑައިގަންނަވާ ކަން ފާހަގަކުރައްވާފައެވ. އަދި ޗީފް އެޑްވައިޒަރު ވަނީ، ބަންގްލަދޭޝްގެ މިހާރުގެ ސިޔާސީ ހާލަތާ ގުޅޭ ތަފްސީލް ހިއްސާކުރައްވައި، ރާއްޖެއިން ދެމުންދާ އެއްބާރުލުމަށްވެސް ޝުކުރުއަދާކުރައްވާފައެވެ.
މި ބައްދަލުވުމުގައި، ކަނޑުގެ ދިރާސާގެ ދާއިރާއިން އެއްބާރުލުން ދިނުމާއި ބެހޭގޮތުން ދެ ބޭފުޅުންވެސް މަޝްވަރާކުރައްވާފައެވެ.




