މި އަހަރުގެ އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ގާއިމުކުރާ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނުކުރުމަށް ހަރަކާތްތެރިވާ ޓްރެއިނަރުންނަށް ބާއްވާ ”ޓްރެއިނިން އޮފް ޓްރެއިނާސް“ (ޓީއޯޓީ) ޕްރޮގުރާމު ފަށައިފިއެވެ.
އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނީ މި ޕްރޮގްރާމު ކުރިއަށް ގެންދަނީ ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) މާލޭ ގައި ކަމަށެވެ. އަދި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހު ގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ކަމަށްވެސް އީސީން ބުންޏެވެ.
މި ޕްރޮގުރާމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 95 ޓްރެއިނަރުން ބައިވެރިވެފައިވެއެވެ. އަދި މީގެ އިތުރުން މިޓްރެއިނިންގ ޕްރޮގުރާމުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުންވެސް ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ.
އީސީން ބުނީ މި ޕްރޮގްރާމްގެ މަގުސަދަކީ އިންތިހާބު ކުރިއަށްދާއިރު މާލެ އާއި، އަތޮޅުތަކުގައި އަދި ރާއްޖެއިން ބޭރުގައި ބެހެއްޓޭ ވޯޓުފޮށިތަކުގައި މަސައްކަތްކުރާ އޮފިޝަލުންނަށް، ގާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުގެ މަތިން ވޯޓުނެގުމާއި ވޯޓުގުނުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތް ކިޔައިދިނުމާއި، އެފަރާތްތައް މިމަސައްކަތަށް ތައްޔާރުކުރުން ކަމަށްވެސް އީސީން މައުލޫމާތު ދީފައިވެއެވެ.
އެ ގޮތުން ޕްރޮގްރާމުގައި އިންތިހާބުގެ ކަންކަން އަމަލީގޮތުން ހިންގުމަށް ބޭނުންވާ އިލްމީ އަދި ފަންނީ ތަމްރީނު ދިނުމަށްވެސް ހަމަޖެހިފައިވެއެވެ. މި ޕްރޮގްރާމަށްފަހު މާލެ އާއި، އަތޮޅުތަކުގައި ވޯޓުނަގާ އޮފިޝަލުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ޖަނަވަރީ 11 ވާ އާދީއްތަ ދުވަހުން ފެށިގެން ކުރިއަށްދާނެކަމަށް އީސީން ބުންޏެވެ.





