ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓު) އިން ބުނެިފއެވެ.
މިއަދުގެ 18:00 އާއި ހަމައަށް މޫސުމަށް ލަފާ ކުރާ ގޮތަށް ބަލާއިރު މެޓުން ބުނީ އުތުރާއި އިރު އުތުރުން މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި އެހެން ހިސާބުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް މެޓުން ލަފާކޮށްފައިވެއެވެ.
މެދުރާއްޖެ ތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓުން ލަފާކޮށްފައިވާއިރު އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށްވެސް މެޓުން ލަފާކޮށްފައިވެއެވެ.
މީގެ އިތުރުން ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ރާޅުގަނޑުގައި ގާތްގަނޑަކަށް ދެ ފޫޓާއި ފަސް ފޫޓުގެ އުސްމިން ހުންނާނެ ކަމަށްވެސް މޫސުމާބެހޭ ގައުމީ އިދާރާއިން މައުލޫމާތު ދީފައިވެއެވެ.
ވޭތުވެދިޔަ ހަފްތާއަށް ބަލާއިރު އާއްމު ގޮތެއްގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ރަނގަޅުކަން ފާހަގަކުރެވެއެވެ. ނަމަވެސް ރާއްޖޭގެ ބައެއް ހިސާބުތަކަށް ކެރީގެ އަސަރު ފޯރާފައިވީނަމަވެސް އާއްމު ގޮތެއްގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މިދުވަސްވަރު މޫސުން ރަނގަޅެވެ.





