އުމުރުން 12 އަހަރުގެ އަލްހާފިޒު ޔޫސުފް ބިން މާޒީން، (އުދަރެސް، ރ. އިގުރައިދޫ) ހާފިޒު ކަމުގެ ސަނަދު ހާސިލްކޮށްފިއެވެ.
ޔޫސުފްއަށް ހާފިޒު ކަމުގެ ސަނަދު ހަވާލުކޮށްދެއްވީ އިސްލާމީ ކަންތައްތަކާއިބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.
ވަޒީރު ވަނީ ޔޫސުފްއާއި ބައްދަލުކުރައްވާ ހިތްވަރުވެސް ދެއްވާފައެވެ. ހާފިޒު ކަމުގެ ސަނަދު ޔޫސުފް ހާސިލް ކުރެއްވީ އެއްވަނަ ދަރަޖާގައި ފާސްވެގެންކަން ފާހަގަކުރެވެއެވެ.
ކީރިތި ގުރުއާންގެ އިލްމުފުޅާކޮށް ގުރުއާން ހިތުދަސްކުރާ ކުދިންގެ އަދަދު އިތުރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު ގުރުއާން ހިތުދަސްކުރާ ފަރާތްތަކަށް މެޑަލް ދިނުމުގެ ރަސްމިއްޔާތު މިއަހަރުން ފެށިގެން ކޮންމެ ރަމަޟާން މަހަކު ބޭއްވުމަށް ސަރުކާރުން ހަމަޖައްސާފައިވެއެވެ. އަދި ސަރުކާރުގެ އަމާޒަކީ އަހަރަކު 100 ހާފިޒުން ދަސްވެނިވުމެވެ.
ކީރިތި ގުރުއާން ހިތުދަސްކުރާ ހާފިޒުންނަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ދައުލަތުން މިހާރު ހާފިޒުންނަށް ދޭ އިނާޔަތް، ދެގުނައަށް ބޮޑު ކުރައްވާނެ ކަން ހާމަކުރައްވާފައެވެ.
އެގޮތުން ހާފިޒުންނަށް ދޭ ސަނަދު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، އެމްކިޔުއޭއިން ގަބޫލުކުރާ މިންގަނޑަށް މިހާރު ބަދަލުކޮށްފައިވާއިރު ހާފިޒުން އުމްރާއަށް ފޮނުވުމުގެ ހާއްސަ މަޝްރޫއެއްވެސް ސަރުކާރު ފައްޓާފައިވާކަން ފާހަގަކުރެވެއެވެ.





