ދުންފުހުގެ އަސަރު އެންމެ ބޮޑަށް ކުރަނީ މެދުރާއްޖެ ތެރެއަށް ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓު) އިން ބުނެފިއެވެ.
މެޓުން ބުނީ ރާއްޖޭގެ ސަރަހައްދުތަކަށް، ހާއްސަކޮށް މެދު ރާއްޖެތެރޭއާއި އުތުރުގެ އަތޮޅުތަކަށް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރަމުންދާ ކަމަށާއި، ވޭތުވެދިޔަ ހަތް ދުވަހަށް ބަލާއިރު މީގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އިއްޔެ ކަމަށެވެ.
އެގޮތުން މޫސުމާ ބެހޭ ރިޕޯޓްތަކުގައިވެސް މެދު ރާއްޖެތެރޭގައި ދުރު ފެންނަ މިންވަރު ވަނީ 1.5 ކިލޯމީޓަރަށް ވުރެ ދަށްކޮށް ކަމަށްވެސް މެޓުން މައުލޫމާތު ދީފައިވެއެވެ.
ކުރިއަށް އޮތް ފަސް ދުވަހުވެސް އިރުއުތުރުން އަންނަ ވަޔާއެކު ދުންފުހުގެ އަސަރު ރާއްޖެމަތީގައި ހުންނާނެ ކަމަށް ބެލެވޭ ކަމަށާއި ބޭރުގައި އެކި ހަރަކާތްތަކުގައި އުޅޭ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އިރުޝާދުތަކަށް ސަމާލުވެ ލެއްވުމަށްވެސް އެދި އިލްތިމާސް ކޮށްފައެވެ. އަދި ކަނޑުދަތުރުކުރާ ފަރާތްތަކުންވެސް ދަތުރުކުރައްވާއިރު ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓުން އިލްތިމާސްކޮށްފައިވެއެވެ.
އެޗްޕީއޭއިން އެދިފައިވަނީ ވައި ނުސާފު ވަގުތުތަކުގައި ރައްކާތެރިވުމަށް ސަމާލުކަންދޭންވީ ކަންކަން ބަޔާންކޮށްފައެވެ. އަދި ސިއްހީ ގޮތުން ނޭދެވޭ އަސަރުތައް ކުރުމާއި ފުއްޕާމެއާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ ހުރިހާ އެންމެނަށްވެސް ބޮޑުވާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެެހެންކަމުން އެންމެންވެސް ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންތައްތައް މަޑުޖައްސާލުމާއި އެންމެންވެސް ބޭރަށް ނިކުންނަންޖެހޭ ހާލަތްތަކުގައި ”އެން95“ ނުވަތަ އެފަދަ މާސްކު އެޅުމަށް އެޗްޕީއޭއިން އެދިފައިވެއެވެ.
މީގެ އިތުރުން ބޭރުގައި ނުސާފު ވައި ނުވަންނާނެހެން ގޭގެ ދޮރުތައް ލެއްޕުމާއި އެއާ ޕިއުރިފަޔާ އެއް ބޭނުންކުރުމަކީ މުހިއްމު ކަމެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ.





