ދަރުމަވަންތަ ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް އައިވީއެފް މެދުވެރިކޮށް ކާމިޔާބު ކަމާއިއެކު ދަރިއަކު އުފަންވެއްޖެއެވެ.
މިކަމާއި ގުޅިގެން އައިޖީއެމްއެޗުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ދަރިފުޅު އުފަންވީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އަދި ދަރިފުޅާއި މަންމަގެ ހާލު ރަނގަޅު ކަން ފާހަގަކޮށް އައިޖީއެމްއެޗުން ވަނީ މި ކާމިޔާބީ ހާސިލްކުރުމުގައި އަންހެނުންގެ ހާއްސަ ޑޮކްޓަރުންނާއި އެމްބްރޮލޮޖިސްޓުންނާއި ހޭނައްތާ ޑޮކްޓަރުންނާއި ނަރުހުން އަދި ސެންޓަރުގެ އެންމެހާ މުވައްޒަފުން ކުރި މަސައްކަތަށް ޝުކުރުވެސް އަދާކޮށްފައެވެ.
މި ތާރީހީ ކާމިޔާބީއަކީ ރާއްޖޭގައި ދަރިމައިވުމުގެ ފަރުވާތައް ކުރިއެރުވުމާއި ދަރިން ހޯދުމަށް އެދޭ އާއިލާތަކަށް އާ އުންމީދެއް ހޯދައި ދިނުމަށް ކުރަމުން ދިޔަ މަސައްކަތުގައި ހާސިލްވެގެން ދިޔަ ވަރަށް މުހިންމު ކުރިއެރުމެއް އައިޖީއެމްއެޗްއިން ފާހަގަކޮށްފައިވެއެވެ.
”މި ކާމިޔާބީއަކީ އާއިލާއެއް ބިނާ ކުރުމުގެ އުންމީދުގައި ތިބި ކޮންމެ ދެމަފިރިއެއްގެ ހުވަފެންތައް ހަގީގަތަކަށް ހަދައި ދިނުމަށް އަޅުގަނޑުމެން ގެންގުޅޭ މަގްސަދު ރަމްޒުކޮށްދޭ ކަމެކެވެ. ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ފަރުވާ ބޭނުންވާ ފަރާތްތަކަށް ޒަމާނީ ވަސީލަތްތަކުގެ އެހީގައި އޯގާތެރިކަމާއެކު މި ހިދުމަތް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަމެވެ. އަދި މި ތާރީހީ މުނާސަބަތުގައި އަޅުގަނޑުމެންނާއެކު ތިއްބެވި ކަމަށްޓަކައި އެންމެހާ ބޭފުޅުންނަށް ޝުކުރު އަދާކުރަމެވެ.“ އައިޖީއެމްއެޗްގެ ބަޔާނުގައިވެއެވެ.
ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދަރުމަވަންތަ ހޮސްޕިޓަލުގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ނޭޝަނަލް ފާޓިލިޓީ ސެންޓަރުގައި އައިވީއެފް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ކާމިޔާބު ކަމާއެކު ދަރިއަކު އުފަންވުމުގެ ހަބަރު އެއްސެވީ ނުހަނު ބޮޑު އުފަލައާއިއެކުގައި ކަމަށެވެ.
”الحمد لله. މާތް ﷲގެ މިންވަރުފުޅާއެކު ލިބުނު މި ތާރީހީ ކާމިޔާބީއަކީ ރާއްޖޭގައި ދަރިމައިވުމުގެ ސިއްހަތާގުޅޭ ފަރުވާ ހޯދަމުންދާ އާއިލާތަކަށް ލިބުނު އުއްމީދެއް.“ ހަލީމް ވިދާޅުވިއެވެ.
ހަލީމް ވަނީ މި ފުރުސަތުގައި، މި މަސައްކަތުގައި ޝާމިލްވި މި ހޮސްޕިޓަލުގެ ނޭޝަނަލް ފާޓިލިޓީ ސެންޓަރުގެ ޓީމަށާއި އެޓީމަށް ތަފާތު ގޮތްގޮތުން އެހީތެރިވި އެހެނިހެން ޑިޕާޓްމަންޓުތަކަށް ޝުކުރާއި މަރުހަބާ ދަންނަވާފައެވެ.
އެބޭފުޅުންގެ މިންނެތް މަސައްކަތަށް ފަހުރުވެރިވާ ކަން ފާހަގަކުރައްވާ ހަލީމް ވިދާޅުވީ އައިވީއެފް ގެ ހިދުމަތް ހޯދުމަށް ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހުމަކީ، މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ދިވެހި އާއިލާތަކަށް އުފުލަމުންދިޔަ ބޮޑު ތަކުލީފެއް ކަމަށެވެ. އަދި މިކަމަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގައި ރަސްމީކޮށް އެމަނިކުފާނު ހުޅުވައިދެއްވި ނެޝަނަލް ފާޓިލިޓީ ސެންޓަރަކީ، ދިވެހި އާއިލާތަކަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއްކަންވެސް އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ.
”މި މުހިންމު ހިދުމަތް ފަށްޓަވައި، ރާއްޖޭގައި މި ހިދުމަތް މުޅިން ހިލޭ ލިބޭނެގޮތް ހަމަޖައްސަވައިދެއްވައި، ރައްޔިތުންގެ ތަކުލީފުތަކަށް ނިމުމެއް ގެނެސްދެއްވި ކަމަށްޓަކައި އެމަނިކުފާނަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. ދަރިމައިވުމުގެ ސިއްހަތާގުޅޭ ފަރުވާތަކަކީ، ދިވެހި އާއިލާތައް ބިނާކޮށް، ދުޅަހެޔޮ މުޖުތަމައެއް ގާއިމުކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރި އަސާސީ ހިދުމަތެއް ކަމުގައި ދެކެން.“ ހަލީމް ވިދާޅުވިއެވެ.





