ތިން ބާރު ވަކިވެފައިވާއިރު، ކައުންސިލުތަކަކީ، ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ފަށަލައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އޮފީސް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކައުންސިލުތައް އިންތިޚާބުކުރަނީ ސަރުކާރު ޖަވާބުދާރީކުރުވުމަށް ކަމަށް ބުނާ ބުނުމަކީ ގޯހެއް ކަމަށެވެ.
އަދި ކައުންސިލް އިންތިހާބުގައި، ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަގުސަދުގައި ބަޔަކު އިންތިހާބުކުރެވިއްޖެނަމަ، އެ ރަށެއް ނުވަތަ އެ ސިޓީއެއްގައި ހިނގާނީ މުނިސިޕަލް އަދި ތަރައްގީގެ މަސައްކަތްތުގެ ބަދަލުގައި ސިޔާސީ މަސައްކަތްތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ރާއްވަވާފައިވާ، ފައްޓަވާފައިވާ އަދި ބަޖެޓުކުރައްވާފައިވާ ތަރައްގީގެ މަޝްރޫއުތައް ކާމިޔާބުކަމާއެކު ހަލުވި ދުވެލީގައި ކުރިއަށްގެންދިއުމަށްޓަކައި، ހުރިހާ ފެންވަރެއްގައިވެސް ރައްޔިތުންގެ މަންދޫބުންގެ އެއްބާރުލެއްވުން ބޭނުންފުޅުވާ ކަމަށެވެ.
ރައީސް ވަނީ ތަރައްގީއަށް މިހާރުވެސް ކުރައްވަމުންގެންދަވާ އެކި މަސައްކަތްތަކާއި އިޖުތިމާއީ މައްސަލަތައް ހައްލުކުރެއްވުމަށް އަޅުއްވާ ފިޔަވަޅުތައް ތަންފީޒުކުރުމަށް ހުރަސްއެޅޭ ފަދަ އަމަލުތައް ބައެއް ކައުންސިލްތަކުން ހިންގުމުން، ބުރެކިޖެހި، މަޑުޖެހި ފަހަތަށް ޖެހެނީ ރައްޔިތުންގެ ތަރައްގީކަން ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތް އިންތިހާބަކީ، އިދިކީލި ސިޔާސީ ފިކުރުގެ ސަބަބުން ތަރައްގީގެ ދުވެއްޔަށް ހުރަސް ނޭޅޭނޭ ފަދަ ގޮތަކަށް ކައުންސިލްތަކަށް މެންބަރުން އިންތިހާބުކުރުމުގެ ބާރު ރައްޔިތުންނަށް ލިބޭ މަންސައެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރަކީ، ފަރުދީ މަސްލަހަތަށްވުރެ، ގައުމީ މަސްލަހަތު އިސްކުރާ، އަދި ރައްޔިތުންނާ އެކު، ރައްޔިތުންގެ ފަޅީގައި މަސައްކަތްކުރާ ސަރުކާރެއް ކަމަށެވެ.





