މިދިޔަ އަހަރު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މީރާއިން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ނިމުނުއިރު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ޖުމްލަ 2,251,452,004 ރުފިޔާ ލިބިފައިވެއެވެ. އަދި 2024 ވަނަ އަހަރު ލިބިފައިވަނީ 1,080,712,329 ރުފިޔާއެވެ.
ވުމާއިއެކު 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު 108 އިންސައްތައިގެ ބޮޑު ކުރިއެރުމެއް މިވަނީ ލިބިފައިކަން ފާހަގަކުރެވެއެވެ. އަދި މީރާގެ ތަފާސްހިސާބުތަކުގައިވަނީ މިދިޔަ އަހަރު ގްރީން ޓެކުހުގެ ގޮތުގައި ލިބުނު ފައިސާގެ ތަފްސީލުވެސް ހިއްސާ ކޮށްފައެވެ.
- ޖެނުއަރީ – 108,263,248 ރުފިޔާ
- ފެބްރުއަރީ – 149,688,851 ރުފިޔާ
- މާޗް – 270,015,253 ރުފިޔާ
- އޭޕްރީލް – 226,663,544 ރުފިޔާ
- މެއި – 204,898,044 ރުފިޔާ
- ޖޫން – 163,267,600 ރުފިޔާ
- ޖުލައި – 159,675,943 ރުފިޔާ
- އޮގަސްޓު – 191,156,328 ރުފިޔާ
- ސެޕްޓެމްބަރު – 195,714,953 ރުފިޔާ
- އޮކްޓޯބަރު – 172,300,448 ރުފިޔާ
- ނޮވެމްބަރު – 191,058,842 ރުފިޔާ
- ޑިސެމްބަރު – 218,689,866 ރުފިޔާ
މިދިޔަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓް ޕޮޒިޝަން ރިޕޯޓްގައި ގްރީން ޓެކުހުގެ އާމްދަނީ 95.2 އިންސައްތަ އިތުރުވެފައިވީ ނަމަވެސް އަހަރު ނިމުނުއިރު މި އަދަދު މަތިވެފައިވެއެވެ. މީގެ މައިގަނޑު އެއް ސަބަބަކީ މިދިޔަ އަހަރަކީ ރާއްޖޭގެ ތާރީހުގައިވެސް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އަހަރަށް ވެފައިވުމެވެ. މިދިޔ އަހަރު ނިމުނުއިރު ރާއްޖެއަށް 2.2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
ގްރީން ޓެކުހަކީ ރާއްޖޭގެ ތިމާވެށްޓާ ގުޅުންހުރި އެކި މަޝްރޫއުތަކަށް ބޭނުންވާ މާލީ އެހީ ހޯދުމަށްޓަކައި، ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، ސިޓީ ހޮޓާތަކުގެ އިތުރުން ސަފާރީތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކުހެކެވެ.




