ރ. ދުވާފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ދެ މީހުން ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ރ. ދުވާފަރު / ދޫރެސްގެ، އިސްމާއީލް މަހުމަދޫ (53އ) އާއި ރ. ދުވާފަރު / ޕެލެސް، އީސާ އަހުމަދު (40އ) އެވެ.
ފުލުހުން ބުނީ މި މީހުން ހައްޔަރު ކޮށްފައިވަނީ މާލެއިން ދުވާފަރަށް މަސްތުވާތަކެތި އެތެރެ ކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 10 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަންގައި ކަމަށެވެ. އަދި ދުވާފަރު ޕޮލިހުން ހިންގި އޮޕަރޭޝަނެއްގައި ދުވާފަރު ބަނދަރު ސަރަހައްދުން އެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އިސްމާއީލް މަހުމޫދު ފަސް ދުވަހަށް ބަންދުކުރުމަށް އަމުރު ކޮށްފައިވާއިރު އީސާ އަހުމަދު 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ ގެންދަނީ ތަހުގީގު ކުރަމުންނެވެ.





