ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވި ”ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކަޑަމީ“ އިން ހިންގި ފުރަތަމަ ތަމްރީނު ޕްރޮގްރާމް ނިންމާލައިފިއެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނީ މި ޕްރޮގްރާމް ނިންމާލާ، ބައިވެރިންނަށް މިއަދު ސެޓިފިކެޓްވެސް ހަވާލުކޮށްފައިވާ ކަމަށެވެ.
”ކަމިންސް ކޭޓީއޭ 19 ސާވިސް ޓްރެއިނިން“ ގެ ނަމުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމު ފަށާފައިވަނީ މި މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކަމަށްވާއިރު މި ތަމްރީނުގެ ފުރަތަމަ ބެޗުގައި، އަތޮޅުތެރޭގެ އިންޖީނުގެތަކުން 10 މުވައްޒަފަކު ބައިވެރިވެ ތަމްރީނު ފުރިހަމަކޮށްފައިވާ ކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ.
ހަމައެހެންމެ މި ތަމްރީނު ޕްރޮގްރާމުގައި މަސައްކަތުގެ މާހައުލުގައި ހިފަހައްޓަންޖެހޭ ފަންނީ އަދި ސުލޫކީ މިންގަނޑުތަކަށް އަހުލުވެރިކުރުވުމުގެ އިތުރުން، ކަމިންސް ކޭޓީއޭ 19 އިންޖީނުގެ އެކި ބައިތައް ދެނެގަތުމާއި، ކަމިންސްގެ ވެބްސައިޓް މެދުވެރިކޮށް ސްޕެއާ ލިސްޓު ތައްޔާރުކުރާނެ ގޮތްތަކާއި، ސާވިސް މެނުއަލް ބޭނުންކުރާނެ ގޮތުގެ ފަންނީ މައުލޫމާތު ފޯރުކޮށްދީފައިވާކަން ފާހަގަކުރެވެއެވެ.
އެ ކުންފުނިން ބުނީ އިންޖީނު އެއްކޮށް ރޫޅާލައި އަލުން ރޭވުމުގެ އަމަލީ ތަމްރީނާއި، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާއި އަލިފާން ނިއްވުމުގެ ގަވާއިދުތަކަށް ވެސް މި ޕްރޮގްރާމުގައި ކުރިއަށްގެންގޮސްފައިވާ ކަމަށެވެ.





