ބ. ފެހެންދޫގެ ކަރަންޓުގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، ތިމާވެއްޓާ ރައްޓެހި ހަކަތައަށް ބަދަލުވުމަށްޓަކައި އެ ރަށުގައި ސޯލާ-ޑީސަލް-ބެޓަރީ ހައިބްރިޑް ޕަވާ ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ބުނީ މީގެ ސަބަބުން އަހަރަކު އެއް ލައްކައަށްވުރެ ގިނަ ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން ފެހެންދޫގައި 250 ކިލޯވޮޓް ޕީކްގެ ސޯލާ ފޮޓޯވޮލްޓައިކް ނިޒާމަކާއި، 537 ކިލޯވޮޓް އަވާގެ ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމެއްވެސް ގާއިމު ކުރެވިގެންދާނެކަން ފާހަގަކުރެވެއެވެ.
ހަމައެހެންމެ މި ނިޒާމުގެ މައިގަނޑު މަގްސަދަކީ ރަށުގެ ކަރަންޓު ވިއުގަ ހަރުދަނާކޮށް، ކަރަންޓު އުފެއްދުމަށް ޑީސަލަށް ބަރާސާވާ މިންވަރު ކުޑަކުރުން ކަމަށް އެ ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ.
މި ނިޒާމު އަމަލީ ގޮތުން ބޭނުންކުރަން ފެށުމާއެކު، ފެހެންދޫގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސަލްގެ މިންވަރު ވަރަށް ބޮޑަށް ދަށްވެގެންދާއިރު ތަފާސްހި ސާބުތަކުން ދައްކާ ގޮތުގައި، މި ބަދަލާއެކު އަހަރަކު ގާތްގަނޑަކަށް 117,697 ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެކަމަށްވެސް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ބުންޏެވެ. އަދި މީގެ ސަބަބުން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން އަހަރަކު 288 ޓަނުގެ އެމިޝަން މަދުކުރެވިގެންދާނެ ކަމަށް އެވުޒާރާއިން ލަފާކުރެއެވެ.
މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތިމާވެށީގެ ހަރުދަނާ ސިޔާސަތުގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ. އަދި އެމަނިކުފާނުގެ އަމާޒަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ހެއްދެވުމެވެ.
ފެހެންދޫގައި މިހާރު ކުރިއަށްދާ މި މަސައްކަތަކީ އެ އަމާޒަށް ވާސިލުވުމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރެއެވެ. އަދި މީގެ ސަބަބުން ރަށުގެ ރައްޔިތުންނަށް އިތުބާރު ހުރި، ދެމެހެއްޓެނިވި ކަރަންޓުގެ ހިދުމަތެއް ލިބިގެންދާނެކަންވެސް ފާހަގަކުރެވެއެވެ.




