މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 18 ރަބަރު ޕެކެޓާއި އެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ލ. ގަމުން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ލ. ގަން ، ތުނޑި / ޖަވާހިރުވިލާ، ހުސައިން އާމިރު (47އ) އާއި ލ. ގަން، ތުނޑި / ރޯސް، އާމިނަތު ނިއުމާ (43އ) އެވެ. ފުލުހުން ބުނީ މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހު 15 ވަނަ ދުވަހު ރަށު ތެރެ ޕެޓްރޯލު ކުރަމުން ދިޔައިރު ހުއްޓުވައި ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ފެނިގެން ކަމަށެވެ.
އެ މީހުންގެ އަމަލުތައް ހުރި ގޮތުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 18 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ. އަދި މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހުސައިން އާމިރު ފަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރު ކޮށްފައިވާއިރު އާމިނަތު ނިއުމާ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައިވާކަން ފާހަގަކުރެވެ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.





