ފަލަސްތީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދ. ގެ އެޖެންސީ ކަމަށްވާ ޔޫއެންއާރުޑަބްލިޔުއޭގެ އިމާރާތްތައް ތަޅާލައި، ސުންނާފަތިކުރަމުންދާ ދިއުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިކަމާބެހޭ ގޮތުން ރާއްޖޭގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ މިފަދަ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު، އދ. އާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އިދާރާތަކުގެ މަސައްކަތްތަކަށް ހުރަސްއެޅޭ ފަދަ އަމަލުތަކެއް ކަމަށެވެ. އަދި މީގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން މިހާރުވެސް ތަހައްމަލު ކުރަމުންދާ ނާޒުކު އިންސާނީ ހާލަތު އިތުރަށް ގޯސްވެގެންދާނެ ކަމަށްވެސް ބަޔާނުގައި ވެއެވެ.
މީގެ އިތުރުން، މިއީ ބައިނަލްއަގުވާމީ އަދުލުގެ މަޖިލީހުން ނިންމާފައިވާ ނިންމުންތަކާވެސް ކަނޑައެޅިގެން ހިލާފު ކަންތައްތަކެއް ކަމަށް އެ ވުޒާރާއިން ބަޔާންކޮށްފައިވެއެވެ.
ހާރިޖީ ވުޒާރާއިން ބުނީ ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ޔޫއެންއާރުޑަބްލިޔުއޭ އިން އަދާކުރަމުންދާ މުހިންމު ދައުރަށް ދިވެހި ސަރުކާރުން ދޭ ފުރިހަމަ އަދި ސާބިތު ތާއީދު މި ފުރުސަތުގައި އަލުން ކަށަވަރުކޮށްދެ ކަމަށެވެ. އަދި ބައިނަލްއަގުވާމީ މުޖުތަމައުން އެ ފަރާތްތަކުގެ ޒިންމާތައް އަދާކޮށް، ބައިނަލްއަގުވާމީ ގާނޫނުތަކާ އިޒްރޭލުން ތަކުރާރުކޮށް ހިލާފުވަމުންދާ ދިއުން ހުއްޓުވައި، އެ ގައުމު ޖަވާބުދާރީކުރުވުމަށް ހަރުދަނާ އަމަލީ ފިޔަވަޅުތައް އެޅުމަށް ރާއްޖެއިން ގޮވާލާ ގޮވާލުން ތަކުރާރު ކުރާ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.
އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް އަދިވެސް ހުއްޓާލާފައިނުވާއިރު މިހާތަނަށް 70،000 ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.





