ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅު ވައިގެ ދަތުރުތަކުން ގުޅާލުމަށް ގައުމީ އެއާލައިން މޯލްޑިވިއަން އިން ތައްޔާރުވެއްޖެއެވެ.
މޯލްޑިވިއަން އިން މި ދަތުރުތައް ފަށަން ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހު ކަމަށްވާއިރު މި އަތޮޅުތަކުގެ ތެރޭގައި ހިމެނެނީ އައްޑޫ އަތޮޅާއި، ފުވައްމުލަކާއި، ގއ.އަތޮޅު އަދި ގދ. އަތޮޅެވެ. އަދި މި ދަތުރުތައް އަންނަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ބާއްވާނެކަމަށްވެސް މޯލްޑިވިއަނުން ބުންޏެވެ.
މި ހަތަރު އަތޮޅުގެ ހަތަރު އެއާޕޯޓު ވައިގެ މަގުން އެއް އެއާޕޯޓު އަނެއް އެއާޕޯޓާއި ގުޅުވާލައި ދަތުރުތައް ފަށަން އެކުންފުނިން ތައްޔާރުވެފައިވާއިރު މި ދަތުރުތަކަށް ބުކިން ހެދުމަށް މިހާރު ހުޅުވާލާފައިވާކަން ފާހަގަކުރެވެއެވެ. މި ދަތުރުތަކުގެ އަގުތައްވެސް މޯލްޑިވިއަނުން ވަނީ ހާމަކޮށްފައެވެ.
މޯލްޑިވިއަނުން މި ދަތުރުތައް ކުރަން ހަމަޖެހިފައިވަނީ ފަސް ރޫޓަށް ބަހާލައިގެން ކަމަށްވާއިރު އެއީ އައްޑޫ ގަމުން ހުވަދު އަތޮޅުގެ ކާޑެއްދޫ އަދި ކޫއްޑޫ އެއާޕޯޓު އަދި ފުވައްމުލަކަށް ދަތުރުކުރެވޭ ގޮތަށާއި ފުވައްމުލަކުން ކާޑެއްދޫ އަދި ކޫއްޑޫއަށް ދެވޭ ގޮތަށެވެ.
މި ދަތުރުތަކުގެ އަގުތަކަށް ބަލާއިރު:
- ގަން – ފުވައްމުލައް – 500ރ
- ފުވައްމުލައް – ކޫއްޑޫ – 650ރ
- ފުވައްމުލައް – ކާޑެއްދޫ – 650ރ
- ގަން – ކާޑެއްދޫ – 900ރ
- ގަން – ކޫއްޑޫ – 900ރ އެވެ.
މޯލްޑިއަނުން ބުނީ މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަންގެ އެންމެ ކުދި ސީޕްލޭން ދަތުރު ތަކުގައި ބޭނުންކުރާ ޓްވިން އޮޓާ މަރުކާގެ ބޯޓު ތަކުގައި ކަމަށެވެ. އަދި މި ދަތުރުތައް ފެށުމުން މި ސަރަހައްދުގެ ވައިގެ އުދުހުންތަކުގެ ހަބަކަށް އައްޑޫ ގަން ވެގެންދާނެ ކަމަށްވެސް މޯލްޑިވިއަނުން ބުންޏެވެ.
މި ދަތުރުތައް ފެށުމާއިއެކު މި ސަރަހައްދުގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށާއި އަމިއްލަ ދަތުރުތަކާއި ތައުލީމާއި އަދި އެނޫންވެސް ޒަރޫރީ ބޭނުންތަކަށް މި އަތޮޅުތަކުގެ މެދުގައި ކުރާ ދަތުރުތަކަށް މަގުފަހިވެގެންދާނެ ކަމަށް މޯލްޑިވިއަނުން ބުނެފައިވެއެވެ.
މީގެ އިތުރުން ބޭސްފަރުވާއަށް ދަތުރުކުރާ ފަރާތްތަކަށް އައްޑޫ ގަން މެދުވެރިކޮށްވެސް ދަތުރުކުރުމަށް މީގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.





