ސިޔާސީ ގޮތުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމުގައި، ދީނީ ޝިއާރުތަކަށް ފުރިހަމައަށް އިހުތިރާމްކުރަންޖެހޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ގުޅޭގޮތުން ދެއްވި ހާއްސަ މެސެޖެއްގައެވެ.
ވަޒީރު ވިދާޅުވީ ސިޔާސީ ގޮތުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމުގައިވެސް އިސްލާމްދީނުގެ މަތިވެރި ހުކުމްތަކާއި، ރުކުންތަކަށް އިހުތިރާމު ކުރަންޖެހޭ ކަމަށެވެ. އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އިސްލާމްދީނުގައި ވަރަށް މަތިވެރި މަގުސަދަކަށްޓަކައި ހިމާޔަތްކޮށްފައިވާ މުހިންމު ހައްގެއް ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެހެނަސް އެ މިނިވަންކަމުގެ ބޭނުން ހިފަންވާނީ ދީނީ އަދި އަހުލާގީ މިންގަނޑުތަކުގެ ތެރެއިން ކަމަށެވެ.
ވަޒީރު ވިދާޅުވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ދީފައިވާ ރޫހަކީ ވެސް އިސްލާމްދީނުގެ އަސްލުތަކާ ފުށުނާރާ ގޮތެއްގެ މަތިން އެ ހައްގުގެ ބޭނުން ހިފުން ކަމަށެވެ. އަދި ކޮންމެ މުސްލިމަކީވެސް ދީނުގެ ރުކުންތަކާއި ޝިއާރުތަކަށް އިހުތިރާމްކުރަންޖެހޭނެ މީހެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އެމަނިކުފާނު ވަނި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްލާމީ އުސޫލުތަކާއި ދިވެހިވަންތަކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ މި ދަނޑިވަޅުގައި، ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކުންނާއި އާންމު ރައްޔިތުންވެސް މި މުހިންމު އުސޫލުތަކަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި އިސްލާމްދީނުގެ ހުރުމަތް ކެނޑޭ ފަދަ އެއްވެސް އަމަލެއް ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ވަޒިރު ވަނީ ވިދާޅުވެފައެވެ.
ދީނީ އެއްބައިވަންތަކަން ނަގަހައްޓައި، މުޖުތަމައުގެ އަދަބުތަކަށް ބޯލެނބުމަށް ވަޒީރުވަނީ ގޮވާލައްވާފައެވެ.





