ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި އޮޅުވާލައިގެން މެސެޖުތަކެއް ކުރަމުންދާތީ ސަމާލުވުމަށް އެ ކޯޕަރޭޝަނުން އިލްތިމާސްކޮށްފި އެވެ.
އެޗްޑީސީން ވަނީ އެ ކޯޕަރޭޝަނުގެ ނަމުގައި އޮޅުވާލައިގެން ކުރާ ކޯލްތަކާއި މެސެޖުތަކަށް ސަމާލުވުމަށާއި، އެއްވެސް ފަރާތަކަށް އަމިއްލަ މައުލޫމާތު ނުވަތަ ފައިސާގެ މުއާމަލާތެއް ނުހިންގުމަށް އިލްތިމާސްކޮށްފައެވެ. އަދި އެ ކޯޕަރޭޝަންގެ ނަމުގައި ވައިބާ، އެސްއެމްއެސް އަދި އާދައިގެ ފޯނު ކޯލްތައް މެދުވެރިކޮށް އޮޅުވާލައިގެން މައުލޫމާތު ހޯދުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.
ހައުސިން މަޝްރޫއުތަކާއި ސޯޝަލް ހައުސިން ނުވަތަ ފްލެޓްތަކާއި ގުޅޭ އެއްވެސް މުއާމަލާތެއް ކުރުމަށް އެ ކޯޕަރޭޝަން ވައިބާ ނުވަތަ ފޯނު ކޯލެއް މެދުވެރިކޮށް އާއްމުންނަށް ނުގުޅާނެ ކަމުގެ ޔަގީން ކަންވެސް އެޗްޑީސީން ދީފައިވެއެވެ. އެ ކޯޕަރޭޝަނުން ވަނީ މި ކަންކަމަށް ސަމާލުވުމަށް އިލްތިމާސްވެސް ކުރައްވާފައެވެ.
ރާއްޖޭގައި މިފަދަ ސްކޭމް މައްސަލަތަކަށް ދަނީ އިތުރުވަމުންކަން ފާހަގަކުރެވެ އެވެ. މިދިޔަ އަހަރުގެ ފަހު ކޮޅު ފުލުހުން ހިއްސާ ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރާއި މިދިޔަ އަހަރާއި އަޅާބަލާއިރު ސައިބަ ކްރައިމްގެ މައްސަލަތައް މިދިޔަ އަހަރު %90.2 ވަނީ އިތުރުވެފައެވެ.





