- އިސްތިހާރު -spot_img

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި 3 ރަށަކުން 4 މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ތިން ރަށަކުން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ބ. އޭދަފުށިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާއަކީ ބ. އޭދަފުށި / ބަށިމާގެ، މުހައްމަދު ރައްޝާމް (27އ) ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ އޭދަފުއްޓަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ވިއްކާއި ވިޔަފާރި ކުރަމުންދާކަމުގެ ތުހުމަތުގައި މި މަހު 22 ވަނަ ދުވަހު ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނީ މި މައްސަލާގައި އޭދަފުށި ޕޮލިހުން ހިންގި އޮޕަރޭޝަނުގައި ރައްޝާމް ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިންކޮޅަކާ އަދި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދަޅެއް ފެނިފައިވާ ކަމަށެވެ.

މި ތަކެތީގެ ވަގުތީ ބަރުދަނަކީ 36 ގުރާމު ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި މި މައްސަލައާ ގުޅިގެން ރައްޝާމްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް  ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

މީގެ އިތުރުން މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ދުވާފަރުން ދެ މީހަކު ހައްޔަރުކޮށްފައިވާއިރު ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ދުވާފަރު ޕޮލިސް ގުޅިގެން މި މަހު 23 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ ރ. ދުވާފަރު / ސެމަންވިލާ، އަލީ މައިސާން (20އ) އާއި ރ. ދުވާފަރު / ގުރީންހެވަން، ހޫދު ހުސައިން (18އ) އެވެ.

ފުލުހުން ބުނީ މި ދެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި އަށް ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންވެސް ހަތް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ހަމައެހެންމެ މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުންކުރާ ކަމުގެ ތުހުމަތުގައި ކުޅުދުއްފުށި ސިޓީން މީހަކު ހައްޔަރުކޮށްފައިވެއެވެ. އަދި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި / ގުލާބީގެ، އަބްދުއްސައްތާރު އަލީ (55އ) އެވެ.

ފުލުހުން ބުނީ މި މަހުގެ 22 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީ މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ހަތަރު ރަބަރުކޮޅު ފެނިފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތްދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނީ މި މައްސަލަތައް ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި