ބޭންކް އޮފް މޯލްޑިވްސްއިން ވިޔަފާރިތަކަށް އެއް ފަހަރާ ގިނަ އެކައުންޓްތަކަށް ފައިސާ ފޮނުވޭ، ”ބަލްކް ޕޭމަންޓް“ ހިދުމަތް ތައާރަފް ކޮށްފިއެވެ.
ބީއެމްއެލްއިން ބުނީ މި ހިދުމަތް މެދުވެރިކޮށް މުސާރަ، އެލަވަންސް އަދި ޑިވިޑެންޑް ފަދަ ފައިސާ އެއް ފަހަރާ ގިނަ އެކައުންޓްތަކަށް ފޮނުވޭނޭ ކަމަށެވެ.
ބަލްކް ޕޭމަންޓްގެ ހިދުމަތަކީ، ވިޔަފާރިތަކުގެ މަސައްކަތް އިތުރަށް ހަލުވިކުރުމަށް ފަރުމާކޮށްފައިވާ ހިދުމަތެއް ކަމަށްވާއިރު މި ހިދުމަތުގެ ޒަރިއްޔާއިން ވިޔަފާރިތަކަށް ދިވެހި ރުފިޔާ އަދި ޔޫއެސް ޑޮލަރުން، ބީއެމްއެލްގެ އެކައުންޓްތަކަށް އޮޓޮމޭޓެޑްކޮށް އެއް ފަހަރާ ފައިސާ ފޮނުވޭނެއެވެ.
ބީއެމްއެލްގެ ޗީފް ބިޒްނަސް އޮފިސާ މޫސާ ނިމާލް ވިދާޅުވީ، ޑިޖިޓަލްކޮށް އެއް ފަހަރާ ގިނަ މުއާމަލާތްތަކެއް ހިންގޭނެ ވަސީލަތެއް ލިބުމަކީ ވިޔަފާރިތަކުގެ މަސައްކަތްތަކަށް އެހީތެރިވުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށާއި އޭގެ ސަބަބުން ފައިސާ ފޮނުވުމުގެ ކަންކަން ހަލުވިވެ، ރައްކާތެރިވެ އަދި އެއްވެސް ތަކްލީފެއް ނެތި ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ހަމައެހެންމެ މިއީ ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް، ފަސޭހަ އަދި ބޭނުންތެރި ހައްލުތަކެއް ފޯރުކޮށްދިނުމަށް އެ ބޭންކުން ކުރަމުންދާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށްވެސް ނިމާލް ވިދާޅުވިއެވެ.
އެ ބޭންކުން އަބަދުވެސް މަސައްކަތް ކުރަނީ އީޖާދީ އަދި ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ ފަރުދުންނާއި، ވިޔަފާރިތަކާއި އަދި މުޖުތަމައުތައް ބާރުވެރި ކުރުވުމަށް ކަމަށް ބީއެމްއެލްއިން ބުންޏެވެ.




