މާދަމާ ރޭ މާލޭގައި ހަވާއަރުވަން ނިންމައިފި އެވެ.
ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާ އިން ބުނީ ހަވާ އަރުވަން ނިންމާފައިވަނީ ގައުމީ ފުޓްސަލް ޓީމުން ހޯދި ތާރީހީ ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ކަމަށެވެ. އަދި މި ހަރަކާތް ކުރިއަށްދާނީ މާދަމާ ރޭ އާޓިފިޝަލް ބީޗުގަ އެވެ. އެ ވުޒާރާއިން ބުނީ ގައުމީ ޓީމަށް މަރުހަބާ ކިއުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.
މިއީ ސަރަހައްދީ މުބާރާތަކުން ރާއްޖޭގެ ފުޓްސަލް ޓީމު ހޯދި ފުރަތަމަ ކާމިޔާބީކަން ފާހަގަކުރެވެ އެވެ. އެ ގޮތުން ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ރާއްޖޭގެ ގާއުމީ ޓީމުން ފުރަތަމަ ފަހަރަށް ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޓްރޮފީ ހާސިލްކޮށްފައިވެ އެވެ. އަދި ރާއްޖޭގެ ގައުމީ ޓީމަށް މަރުހަބާކިއުމަށް ވިހާވެސް ގިނަ ބަޔަކު އާޓިފިޝަލް ބީޗަށް ދިއުމަށް ސަރުކާރުން އެދިފައިވެއެވެ.
ހަވާ އެރުވުމުގެ އިތުރުން މި ސަރަހައްދުގައި ގައުމީ ޓީމަށް މަރުހަބާ ކިއުމުގެ ގޮތުން އިތުރު ހަރަކާތްތަކެއްވެސް ކުރިއަށްދާނެއެވެ. އެގޮތުން އާޓިފިޝަން ބީޗުގައި ބޮޑުބެރުގެ ހަރަކާތަކާއި ޓީމުގެ މެމްބަރުންނާއި އެކު ފޮޓޯ ނެގުމުގެ ފުރުސަތުވެސްވަނީ ހުޅުވާލާފައެވެ.





