ދިރާސީ އަހަރުގެ ކިޔެވުން މިއަދު ފަށައިފިއެވެ.
ދިރާސީ އަހަރުގެ ކިޔެވުން މިއަދު ފަށާފައިވަނީ ސަރުކާރުގެ 218 އެއްހާ ސްކޫލް ހިމެނޭ ގޮތަށެވެ. އަދި މި ސްކޫލު ތަކުގައި 77،000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލްކުރަމުން ދާނެކަމަށް ތައުލީމީ ވުޒާރާއިން ބުންޏެވެ.
މި އަހަރު ގްރޭޑް 1 އަށް ވައިން ދަރިވަރުންގެ އަދަދު އެހެން އަހަރު ތަކެކޭ އެއްފަދައިން ގިނަކަން ފާހަގަކުރެވެއެވެ. އަދި ގްރޭޑް 1 އަށް ވަނުމަށްޓަކައި 4790 ދަރިވަރުންނަށް އެކި ސްކޫލްތަކުން ޖާގަ ދީފައިވެއެވެ. އެގޮތުން މާލެ ސަރަހައްދުގައި ގްރޭޑް 1 އަށް ވެއްދި ދަރިވަރުންގެ އަދަދަކީ 1748 ކަމަށްވާއިރު ރަށްރަށުގައި ގްރޭޑް 1 އަށް 3042 ދަރިވަރަކަށް ޖާގަ ދީފައިވެއެވެ.
ދިރާސީ އަހަރުގެ ކަލަންޑަރުގައިވާ ގޮތަށް ބަލާއިރު މި އަހަރު ރޯދަ މަހުގައި ކިޔެވުން އޮންނާނީ އެންމެ ފުރަތަމަ ހަފްތާގައެވެ. އަދި ފިތުރު އީދު ބަންދަށް ފަހު އަލުން ސްކޫލުތަކުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ މާޗް މަހުގެ 23 ވަނަ ދުވަހުއެވެ. އަދި ފުރަތަމަ ޓާމްގެ ބަންދު ކަމަށް ކަލަންޑަރުގައި ކަނޑައަޅާފައިވަނީ ޖުލައި މަހުގެ 14 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 1 ވަނަ ދުވަހާއި ހަމައަށްކަންވެސް ފާހަގަކުރެވެއެވެ.
ހަމައެހެންމެ ދެވަނަ ޓާމުގެ ކިޔެވުން ފެށޭނީ އޯގަސްޓް މަހުގެ 2 ވަނަ ދުވަހު ކަމަށްވާއިރު އަހަރުގެ ކިޔެވުން ނިންމާ ބޮޑު ޗުއްޓީ ފެށޭނީ 18 ޑިސެންބަރުން އަންނަ އަހަރުގެ ޖެނުއަރީ 12 ވަނަ ދުވަހުއެވެ.





