ތައުލީމީ ހަޔާތުގައި ކަންކަން ކުރަންވީ ދީނުގައި އޮންނަ އުސޫލުތަކުގެ ތެރެއިން ނަމާދަށް ފަރުވާތެރިވެ، މައިންބަފައިންނަށް ކިޔަމަންތެރިވެ، ޓީޗަރުން ބުނާ ބަސް އަހައި ސްކޫލްގެ ވެރިން އަންގާ މަގުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ހުޅުމާލެ ފޭސް 2 ގައި އަލަށް އިމާރާތް ކުރި ސްކޫލު ހުޅުވާދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އޭރުން އެޅިގެންދަނީ ގުޑުވާނުލެވޭނެ ވަރުގެ ބިންގަލެއް ނުވަތަ ރެނދު އަޅުވާނުލެވޭނެ ވަރުގެ ވަރުގަދަ ފައުންޑޭޝަނެއް ކަމަށެވެ. އަދި ކުދިން ކިޔަވައިގެން ނިކުމެ ބޮޑެތި މީހުންނަށްވެ ކުރިއަށްދާން ބަލާއިރު ބިންގާ އޮތީ ވަރަށް ދެރަކޮށް ނުވަތަ ރެނދު އަޅާފައި ކަމަށްވާނަމަ ގެއްލުންތަކެއް ހަޔާތުގައި ވެދާނެ ކަމަށްވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
”އެހެންވީމަ މި ބިންގާ ވަރުގަދައަށް އެޅުމަށް ސްކޫލްތަކަށް މި އަންނަނީ. ކިޔަވަނީ. އެ ބިންގާ އަމިއްލައަށް ވަރުގަދަކުރުމާއި އެކަމަށް މަގުދައްކަން ތިބި ފަރާތްތަކުން، ޓީޗަރުންނާއި ބެލެނިވެރިން އެ ގޮތަށް ހުރިހާ ކުދިންގެ ނަފްސާނީ ގޮތުން އެ ބިންގާ ވަރުގަދަކުރުން އެއީ ކޮންމެ ޓީޗަރެއްގެވެސް ބެލެނިވެރިއެއްގެ ވެސް ޒިންމާއެއް.“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އެ ހުރިހާ ކަމަކަށް މަގު ފަހިކޮށްދިނުމަށްޓަކައި ކަންކަން ތަރުތީބު ކުރުމަށް ކަމަށާއި، އިންފްރާސްޓްރަކްޗާ މަޝްރޫއު ހިންގުން ކަމުގައި ވިޔަސް އަދި ނިޒާމީ ގޮތުން ނިޒާމް ވަރުގަދަކުރެވޭ އެކި ކަހަލަ ކަންތައްތަކެއް ކަމުގައި ވިޔަސް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށެވެ.
މުޖްތަމައުގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ވެސް ހިމެނޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އިންކްލޫސިވް އެޑިއުކޭޝަނަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށެވެ. އަދި ޝަހީދު އަލީ ސްކޫލްގައިވެސް އެ ފެސިލިޓީ ގާއިމްވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މަސައްކަތް ކުރަމުންދާނީ ރާއްޖޭގެ އެހެން ކަންކޮޅުތަކުގައިވެސް އިންކްލޫސިވިޓީ އިތުރުކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.





