ދިވެހިރާއްޖޭގައި ޤާއިމުކުރާ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) އެއްގައި ހިންގިދާނެ އިގުތިސާދީ މަސައްކަތްތަކާއި، އެއިން ޒޯނެއްގައި ހިމެނޭ ޖުމުލަ އިންވެސްޓްމަންޓުގެ އެންމެ ކުޑަ މިންގަނޑު، ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަލުން ކަނޑައަޅުއްވައިފިއެވެ.
މިކަން އިއުލާނުކުރައްވާފައިވަނީ އިއްޔެ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރެއްވި ގަރާރުންނެވެ.
ދިވެހިރާއްޖޭގައި ގާއިމުކުރާ ސްޕެޝަލް އިކޮނޮމިކް ޒޯނެއްގައި ހިންގިދާނެ އިގުތިސާދީ މަސައްކަތްތަކަކީ ކޮބައިކަމާއި، އެއިން ޒޯނެއްގައި ހިމެނޭ ޖުމުލަ އިންވެސްޓްމަންޓުގެ އެންމެ ކުޑަ މިންގަނޑަކީ ކޮބައިކަން، ބޯޑް އޮފް އިންވެސްޓްމަންޓްސްގެ މަޝްވަރާގެ މަތީން، ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން، އަހަރަކު އެއް ފަހަރު ކަނޑައަޅައި އިއުލާނު ކުރަންވާނެ ކަމަށް، ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނު ގައި ބަޔާންކޮށްފައިވެއެވެ. އަދި ކަނޑައަޅާ ކޮންމެ ކަނޑައެޅުމެއް، ކޮންމެ އަހަރެއްގެ ފެބުރުއަރީ މަހުގެ ކުރިން މުރާޖައާކޮށް، ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އަލުން ކަނޑައަޅައި އިއުލާނު ކުރަންވާނެ ކަމަށް، އެ މާއްދާގައި ބަޔާންކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ 12 ޖަނަވަރީ 2025ގެ ގަރާރުން ކަނޑައެޅި ކަނޑައެޅުން މުރާޖައަ ކުރެއްވުމަށްފަހު، ދިވެހިރާއްޖޭގައި ގާއިމުކުރާ ސްޕެޝަލް އިކޮނޮމިކް ޒޯނެއްގައި ހިންގިދާނެ އިގުތިސާދީ މަސައްކަތްތަކަކީ ކޮބައިކަމާއި، އެއިން ޒޯނެއްގައި ހިމެނޭ ޖުމުލަ އިންވެސްޓްމަންޓުގެ އެންމެ ކުޑަ މިންގަނޑަކީ ކޮބައިކަން، އިއްޔެ ގެޒެޓުގައި ޝާއިއު ކުރި ގަރާރުގެ ބައެއްގެ ގޮތުގައި މި ގަރާރާ އެކުގައި ހިމަނައިފައިވާ ޖަދުވަލުގައިވާ ގޮތުގެ މަތީން، އަލުން ކަނޑައަޅުއްވައި އާންމުކޮށް ވަނީ އިއުލާނުކޮށްފައެވެ.
އެގޮތުން، އެސްއީޒެޑްގައި ހިންގިދާނޭ އިގުތިސާދީ މަސައްކަތްތައް ކަމުގައި ކަނޑައަޅުއްވާފައިވަނީ، ޖުމުލަ 100 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ކުޑަ ނޫން އަދަދުގެ އިންވެސްޓްމަންޓްތަކާއި، ޖުމުލަ 500 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓް ހިމެނޭގޮތަށް ތަރައްގީ ކުރުމަށް ހުށަހަޅާ ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްމަންޓް މަޝްރޫއުތައް ކަން ފާހަގަކުރެވެއެވެ.
ސްޓްރެޓީޖިކް އިންވެސްޓްމަންޓުތަކުގެ ތެރެއިން، އިންވެސްޓްމަންޓެއް ހިމެނޭގޮތުން ޤާއިމުކުރުމަށް ހުށަހަޅާ ޖުމުލަ 100 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓްގެ ތެރޭގައި ނުވަ ބާވަތެއްގެ އިންވެސްޓްމަންޓް ހިމަނުއްވާފައިވެއެވެ. އެއީ:
(ހ) އެކްސްޕޯޓަށް އިސްކަންދީގެން ހިންގާ މެނުފެކްޗަރިންގެ އެކި ބާވަތުގެ މަސައްކަތްތައް.
(ށ) ޓްރާންސްޝިޕްމަންޓް ޕޯޓް، އިންޓާނޭޝަނަލް ލޮޖިސްޓިކްސް، ޕޯޓް، އެއަރޕޯޓް،
ބަލްކް ބްރޭކިން، ބަންކަރިން، ޑޮކިންގ ސާވިސަސް.
(ނ) ޔުނިވާސިޓީ، ޓާޝަރީ ހޮސްޕިޓަލް، ސްޕެޝަލިޓީ ހޮސްޕިޓަލް، ދުނިޔޭގެ ފެންވަރުގެ ރިސާޗް އެންޑް ޑިވެލޮޕްމަންޓް ފެސިލިޓީތައް.
(ރ) ދުނިޔޭގެ ފެންވަރުގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) ޕާކް، އައިސީޓީއާ ގުޅޭ ފެސިލިޓީތައް.
(ބ) އިންޓާނޭޝަނަލް ފައިނޭންޝަލް ސާވިސަސް، އިންޓަނޭޝަނަލް ޓްރޭޑް ސެންޓަރުތައް.
(ޅ) އިއާދަކުރަނިވި ހަކަތައިގެ ދާއިރާ.
(ކ) ރާއްޖޭގައި ނެތް ޓެކްނޮލޮޖީއެއް ރާއްޖެއަށް އާންމުކުރުމަށް ހިންގޭ މަސައްކަތްތައް.
(އ) ފުޑް ސެކިއުރިޓީގެ ދާއިރާ.
(ވ) ތެލާއި، ގޭހާއި، މިނަރަލް އެކްސްޕްލޮރޭޝަންގެ މަސައްކަތްތައް.
ޖުމުލަ 500 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓް ހިމެނޭގޮތަށް ތަރައްގީ ކުރުމަށް ހުށަހަޅާ ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްމަންޓް މަޝްރޫއު ތަކުގައި މިނިމަމް އިންވެސްޓްމަންޓުގެ ގޮތުގައި ކަނޑައަޅައިފައިވާ 500 މިލިޔަން އެމެރިކާ ޑޮލަރު ހާއްސަ ކުރަންވާނީ ސަސްޓެއިނަބަލް ޓައުން ޝިޕް ޑިވެލޮޕްމަންޓުގެ ކޮމްޕޯނަންޓް ތަކަށް ކަމަށްވެސް ގަރާރުގައި ކަނޑައަޅާފައިވެއެވެ.





