ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ގިރާވަރުފަޅުން ދޫކޮށްފައިވާ ގޯތިތަކުގެ ގުރު އަލުން ނަގަން ނިންމައިފިއެވެ.
މާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނީ އެ ވުޒާރާއިން މިދިޔަ އަހަރުގެ 15 އޮކްޓޫބަރުގައި ކޮށްފައިވާ އިއުލާނާއި އެކު ޝާއިުކޮށްފައިވާ ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ. އަދި ކުރީގެ ޕްލޭންގައި 610 ގޯތި މަދުވާތީ އެ އަދަދު ހިމަނައިގެން ގިރާވަރުފަޅުން ދޫކުރަންޖެހޭ ޖުމްލަ 4072 ގޯތި ހިމެނޭހެން އައު ލޭންޑް ޔޫސް ޕްލޭން މިހާރުވަނީ އެކުލަވާލައިގެން މި މަހު 26 ވަނަ ދުވަހު ގެޒެޓު ކޮށްފައެވެ.
އެވުޒާރާއިން ބުނީ މި ބަދަލާއި ގުޅިގެން ”ބިންވެރިޔާ“ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ބިމުގެ ސަރަހައްދުތަކަށް ބަދަލު އަންނާނެތީ އައު ލޮޓް ނަމްބަރުތައް ކަނޑައެޅުމަށްޓަކައި އަލުން ގުރު ނެގުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ގުރުއަތުލުން އޮންނާނީ މި މަހު 31 ވަނަ ދުވަހުގެ ހެނދުނު 9:30 ގައި ސޯޝަލް ސެންޓަރުގެ ހޯލުގައެވެ.
ގިރާވަރުފަޅުން ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިނުގައި ހިމެނެނީ:
- 1250 އަކަފޫޓުގެ 2603 ގޯތި
- 1650 އަކަފޫޓުގެ 1214 ގޯތި
- 2050 އަކަފޫޓުގެ 254 ގޯތި
- 2450 އަކަފޫޓުގެ 01 ގޯތި
އެ ވުޒާރާއިން ބުނީ ގޯތި ލިބޭ ފަރާތްތަކަށް ލިބިގެންދާ ޕްލޮޓުގެ ގުރުއަތުނެގުމުގެ ކަންކަން ކުރިއަށްގެންދާޏީ އެކަމަށް ކަނޑައަޅާފައިވާ އެ ވުޒާރާގެ މުވައްޒަފުން ކަމަށެވެ. އަދި މީގެ އިތުރުން ގިރާވަރުފަޅުން ބިން ލިބޭ ފަރާތްތަކުގެ ތެރެއިން ގުރުއަތުނެގުމަށް ހަމަޖެހިފައިވާ ސަރަހައްދަށް ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ޕްލޮޓަކަށް އެއް ފަރާތަށް ގުރުނެގުމަށް ހަމަޖެހިފައިވާ ސަރަހައްދަށް ވަދެވޭނެ ކަމަށެވެ.
މީގެ އިތުރުން ގޯތި ލިބޭ ފަރާތްތަކެއްގެ ބަދަލުގައި އެހެން ފަރާތަކުން ހާޒިރުވާން ބޭނުންވާ ނަމަ އެކަން އަންގައިދޭ ލިޔުމާއި އަދި ގޯތީގެ ވެރިފަރާތުގެ އައިޑީ ކާޑުގެ ކޮޕީގެ އިތުރުން ބަދަލުގައި ހާޒިރުވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީއާއެކު ހާޒިރުވުމުން ގުރުއަތު ނެގުމަށް ހަމަޖެހިފައިވާ ސަރަހައްދަށް އެ ފަރާތަކަށް ވަދެވޭނެ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.
ގުރުއަތުނެގުން ކުރިއަށްދާއިރު ގޯތި ލިބިފައިވާ ފަރާތަށް ހަމަޖެހިގެންދާ ޕްލޮޓް ހިޔާވެހި ޕޯޓަލް އިން ވަގުތުން ފެންނާނެއެވެ. އަދި އެ ފަރާތަކަށް ލިބޭ ޕްލޮޓް ނަމްބަރު އެސްއެމްއެސްގެ ޒަރިއްޔާއިންވެސް އެނގިގެންދާނެއެވެ.
މި ގުރުއަތު ނެގުމުގެ ރަސްމިއްޔާތު ޕީއެސްއެމްއިން ވަގުތުން ދައްކާނެއެވެ.
އެވުޒާރާއިން ބުނީ ގޯތި ލިބޭ ފަރާތްތަކުގެ ގުރުނަގާ ނިމުމުން ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމާއި ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ގޮތުގެ މައުލޫމާތު ފަހުގެ ތާރީހެއްގައި އެ ފަރާތާއި ހިއްސާކުރެވިގެންދާނެ ކަމަށެވެ..





