މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ކޮމްޕްރޮމައިޒްކޮށް، އޭނާގެ ހިއްސާ އޮންނަ ކުންފުނީގެ ބެންކު އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ނަގާފައިވާ މައްސަލާގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހުޅުދޫ / ނާދީ، މުނާޒު ޖައުފަރު (24އ) އާއި ގދ. ގައްދޫ / އަތިރީ އައްސޭރި، މުހައްމަދު ނާއިޝް ނަބީލް (24އ) އާއި ސ. ހިތަދޫ / ހާލަމް، ހަސަން ވިއާމް (19އ) ކަމަށެވެ.
މި މީހުން ހައްޔަރުކޮށްފައިވަނީ މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ކޮމްޕްރޮމައިޒްކޮށް، އޭނާގެ ހިއްސާ އޮންނަ ކުންފުނީގެ ބެންކު އެކައުންޓުން 279،600 އަށްވުރެ ގިނަ ފައިސާ ނަގާފައިވާކަމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގައި ކޯޓު އަމުރުގެ ދަށުން ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި މި މަހު 27 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި ގޭންގު ކްރައިމްއާއި ތިނަދޫ ސިޓީ ޕޮލިސް އަދި އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ބައިވެރިވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުނާޒު ޖައުފަރު (24އ) 15 ދުވަހަށް، މުހައްމަދު ނާއިޝް ނަބީލް (24އ) ހަތް ދުވަހަށް އަދި ހަސަން ވިއާމް (19އ) 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. އަދި މީގެ އިތުރުން، މި މައްސަލައާ ގުޅިގެން ކުރިން ހައްޔަރު ކުރި ގއ. ކަނޑުހުޅުދޫ / ފޫހިވާގެ، މުހައްމަދު އަލީ (42އ) ގެ ބަންދާ މެދު ގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނީ މި މައްސަލަ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ ކަމަށެވެ.





