- އިސްތިހާރު -spot_img

ދެކުނުގެ 4 އަތޮޅު ގުޅުވައިލެވިގެން މިދިޔައީ ރައީސްގެ ދުރު ވިސްނުންފުޅުގެ ސަބަބުން: ވަޒީރު

ދެކުނުގެ 4 އަތޮޅު ގުޅުވައިލެވިގެން މިދިޔައީ ރައީސުލްޖުމްހޫރިއްޔާ މިފަދަ ކަމެއް ކުރެއްވުމުގެ ބޭނުން ވަރަށް ބޮޑަށް ހުންނެވުމާއިއެކު އެގޮތައް ވިސްނުން ގެންގުޅުމުން ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ދެކުނުގެ 4 އަތޮޅު ވައިގެމަގުން ގުޅާލުމަށް ގދ. ކާޑެއްދޫއަށް ބޭއްވި ދަތުރު އިފްތިތާހުކުރުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ ދިވެހިރާއްޖެއަކީ ވޮލިއުމް ބޭސްޑް ޓްރާންސްޕޮޓޭޝަން އޮތް ތަނެއް ނޫންކަމަށާއި، ދިވެހިރާއްޖެއަކީ ފްރިކުއެންސީ ބޭސްޑް ޓްރާންސްޕޮޓޭޝަންއެއް ބޭނުންވާ ގައުމެއް ކަމަށެވެ. އަދި ރާއްޖެއަށް ބޭނުންވަނީ ބޮޑެތި ބޯޓުފަހަރު ނޫން ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ރާއްޖެއަށް ބޭނުންވަނީ ގިނަ އަދަދަކަށް ޕްލައިޓް އެޅޭނެ މަގެއް ކަމަށެވެ.

ވަޒީރު ވިދާޅުވީ، މި ފެށިގެން ދިޔައީ ދެކުނުގެ 4 އަތޮޅު ވައިގެ މަގުން ގުޅުވާލުމުގެ ޕައިލެޓް ޕްރޮޖެކްޓެއް ކަމަށެވެ. އަދި މި ޕްރޮޖެކްޓް ކާމިޔާބު ވެއްޖެނަމަ މިކަން ވެގެންދާނީ މުޅި ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ބަދަލުކޮށްލާނެ އިންގިލާބެއް ގެންނާނެ ކަމަކަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

”މި ސައިޒްގެ ފްލައިޓެއް ޖެއްސުމަށް ބޭނުންވާ ރަންވޭއަކީ ވަރަށް ކުޑަ ރަންވޭއެއް. އެއަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ގާއިމްކުރުމަށް ބޭނުންވާ ފައިސާއަކީ މިހާރު ކުރާ އިންވެސްޓްމަންޓްތަކަށް ބަލާއިރު ކުޑަ އަދަދެއް. މިހާރު އެއާޕޯޓެއް އަޅަން އަޅުގަނޑުމެން ހަރަދުކުރަން 600 މިލިޔަނަށްވުރެ ގިނައިން. އެންމެ އެއާޕޯޓެއް ތަރައްގީ ކުރުމަށްޓަކައި. ބައެއް އެއާޕޯޓްތަކަށް އެއަށްވުރެވެސް ގިނައިން ބިން ހިއްކުމާއި މި ހުރިހައި ކަމަކާއި އެއްކޮށް“. ވަޒީރު ވިދާޅުވިއެވެ.

މޯލްޑިވިއަނުން ބުނީ މި ދަތުރުތަކާއެކު މި ސަރަޙައްދުގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހައެއް ލިބިގެންދާނެ ކަމަށާއި،  އަމިއްލަ ދަތުރުތަކާއި، ތައުލީމާއި އެނޫންވެސް ޒަރޫރީ ބޭނުންތަކަށް މި އަތޮޅުތަކުގެ މެދުގައި ކުރާ ދަތުރުތަކަށް ފަސޭހަވާނެ ކަމަށެވެ. މީގެ އިތުރުން ބޭސްފަރުވާއަށް ދަތުރުކުރާ ފަރާތްތަކަށް އައްޑޫ ގަން މެދުވެރިކޮށް ދަތުރު ކުރުމަށް މީގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި