ބ. ކަމަދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މި ހިދުމަތް ފަށްޓަވާދެއްވާފައިވަނީ ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުއެވެ.
ބ. ކަމަދޫގައި އޭޓީއެމްގެ ހިދުމަތް ފަށްޓަވައިދެއްވީ ބ. އަތޮޅަށް ރައީސުލްޖުމުހޫރިއްޔާ ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކަމަދޫއަށް ކުރި ޒިޔާރަތުގެ ތެރެއިންނެވެ.
މި މަޝްރޫޢަކީ ބީއެމްއެލްއާއި ސަރުކާރު ގުޅިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ގާއިމްކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ފެށުން ހިދުމަތެކެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ދިނުމަށް ބީއެމްއެލް އަދި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ތެރެއިން މިހާތަނަށް ގިނަ ރަށްތަކެއްގައި އޭޓީއެމް ޚިދުމަތް ދޭން ވަނީ ފަށާފައެވެ.
ކަމަދޫއަށް ރައީސް ވަޑައިގެންނެވުމާއިއެކު އެރަށުގެ ކުދި ބޮޑު ވަރަށް ގިނަ ބަޔަކުވަނީ ރައީސް އަށް މަރުހަބާ ދަންނަވާފައެވެ. ހަމައެއާއެކު ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ބޭއްވި ހަފްލާގައި އެ ރަށު ކައުންސިލު ރައީސް ވަނީ ރައީސުލްޖުމުހޫރިއްޔާ ކަމަދޫއަށް ވަޑައިގެން އެތަކެއް ހިދުމަތްތައް އެރަށުގައި ފަށްޓަވައި ދެއްވީތީ ޝުކުރު އަދާކުރައްވާފައެވެ.
ބީއެމްއެލްގެ އަމާޒަކީ މި އަހަރު ނިމެންވާއިރަށް 100 އަށް ވުރެ ގިނަ ރަށުގައި އޭޓީއެމް ބަހައްޓައި މުޅި ރާއްޖޭގައި ބީއެމްއެލްގެ 250 އަށްވުރެ ގިނަ އޭޓީއެމް ގާއިމްކުރުމެވެ. މިއަހަރަކީ މިގޮތަށް ހުރި ގިނަ ކަންތައްތަކަށް އަމަލީ ސިފަ ލިބިގެންދާނެ އަހަރެއް ކަމަށާއި އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ރަނުން ރަނަށް ފުއްދަވައި ދެއްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.





