ގދ. ފިޔޯރީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ، ދަޅުގައި މަސް ބަންދުކުރާ ކާރުހާނާއަށް ބޭނުންވާ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް އިއްޔެ އިފްތިތާހުކޮށްދެއްވައިފިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މި މަޝްރޫއަކީ ގދ. ފިޔޯރީގެ އިތުރުން މުޅި ހުވަދުއަތޮޅުގެ މަސްވެރި އާއިލާތަކަށް އުޖާލާ މުސްތަގުބަލަކަށް މަގުފަހިކޮށްދޭނެ އަދި އިގުތިސާދީ ފުދުންތެރިކަމާއި ސަރަހައްދީ ތަރައްގީއަށް މަގުފަހިކޮށްދޭނެ މުހިންމު މަޝްރޫއެއް ކަމަށެވެ.
ހަމައެހެންމެ މި މަޝްރޫއު ފިޔޯރީގައި ކުރިޔަށް ގެންދިޔުމަށްޓަކައި، ހުށަހެޅި ހުށަހެޅުމަށް ރައީސް، އިސްކަން ދެއްވައި ބެހެއްޓެވި ހާއްސަ ކަމަށްޓަކައި އެމަނިކުފާނަށް ޝުކުރުއަދާ ކުރައްވާ ނައިބު ރައީސް ވިދާޅުވީ މި ސަރަހައްދުގައި ދޮށީގެ މަސްވެރިކަން ނުހަނު ބޮޑަށް ފުޅާވެފައި އޮތުމާއެކު، ބާނާމަސް ކޫއްޑޫގައި އެކަނި ބަންދު ކުރެވެން ނެތުމުން، އެފަދަ މަޝްރޫއެއް ހިންގަން އެންމެ ރަނގަޅު ސަރަހައްދަކީ މިސަރަހައްދު ކަމުގައި ވާތީ، ފިޔޯރީގައި މަސްބަންދުކުރާ ކާރުހާނާއެއް އަޅަން ނިންމާފައިވާ ކަމަށެވެ.
ފިޔޯރީއަކީ ތަރައްގީއަށް ލޯބިކުރާ ރައްޔިތެއް ދިރިއުޅޭ ރަށެއް ކަމަށާއި، އަދި ފިޔޯރީއަކީ ތަރައްގީ އާއި އަމިއްލަ ވަންތަކަން ދިރުވައި އާލާކުރަމުންދާ ރަށެއް ކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ މި ކާރުހާނާ ގާއިމުކުރެވުމުން، މުޅިއަތޮޅަށް ވަޒީފާގެ ފުރުސަތު ތަނަވަސްވެގެން ދާނެ ކަމަށެވެ. އަދި މި ކާރުހާނާ ގާއިމުކޮށް ނިމުމުން އުފެދޭ ވަޒީފާގެ ފުރުސަތުތަކުގެ އިތުރަށް، މަސްވެރިކަމުގެ ދާއިރާއަށް އިތުރު އުޅަނދުތައް ނެރެ، ޒުވާނުން މަސްވެރިކަމުގައި ޝާމިލުވުމުގެ ވިސްނުން ގެންގުޅުއްވުމަށްވެސް އެމަނިކުފާނުވަނީ އެދިވަޑައިގެންފައެވެ.
މި މަޝްރޫއުގެ ދަށުން ކުރިން ރޭވިފައި އޮތް 1500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ ބަދަލުގައި، މިހާރުގެ ފަރުމާގައި ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ 3000 މެޓްރިކް ޓަނަށް ވަނީ އިތުރުކޮށްފައެވެ. މީގެ އިތުރުން ދުވާލަކު 100 ޓަނުގެ މަސް، ދަޅުގައި ބަންދުކުރެވޭނެ ކާރުހާނާއަކާއި، ދުވާލަކު 100 ޓަނުގެ މަސްކުނޑި އުފެއްދޭނެ ފިޝްމީލް ޕްލާންޓެއްވެސް ގާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ.





