އެއީ މިއަދު ހެނދުނު 8:30 ހާއިރެވެ. މިއަދަކީ ބަންދު ދުވަހެއް ކަމުން އާންމުކޮށް ހަލަބޮލީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާޓަވަރު ކައިރީގައި ވަނީ ހަމަހިމޭންކަން ވެރިވެފައެވެ. އެ މާހައުލުގެ ހަމަހިމޭންކަން ގެއްލިގެން ދިޔައީ ކުއްލިއަކަށް އިވުނު ބާރު އަޑަކުންނެވެ. އެއީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެއް ހިޔާގެ އަށް ވަނަ ޓަވަރުގެ 14 ވަނަ ބުރިން ވެއްޓުނު އަޑެވެ.
އެ މަންޒަރު ފެނުނު މީހަކު ”ވަގުތަށް“ ކިޔައިދިން ގޮތުގައި އޭނާ 12 ވަނަ ފަންގިފިލާގައި ދިރިއުޅެމުންދާ އެޕާޓްމެންޓްގެ ބަދިގޭގައި ހުރީ ހެނދުނުގެ ނާސްތާ ތައްޔާރު ކުރާށެވެ. ބާރު އަޑަކާއިއެކު އެއްޗެއް ޕޭވްމަންޓްގައި ޖެހުނު އަޑު އިވުމުން ދުވެފައި ގޮސް ބެލްކަނިން ބޭރު ބެލުމާއެކު ފެނުނީ މީހަކު ވެއްޓިފައި އޮތް މަންޒަރު ކަމަށް ބުންޏެވެ.
“ އެ މީހާ އޮތީ އެއްވެސް ހަރަކާތެއް ނުކޮށް. ބޮލުން ބައިވަރު ލޭ އައިސް، ސަރަހައްދަށް ފެތުރެމުން ދިޔައީ. އަތް ވެސް އޮތީ ބިންދައިގެން ގޮސްފައި.“ އެ މީހާ ކިޔައިދިނެވެ.
އެ ހާދިސާގެ އެކި މަންޒަރުތަކުގެ ވީޑިއޯއާއި ފޮޓޯ ”ވަގުތަށް“ ލިބިފައި ވެއެވެ. އެ ފޮޓޯތަކާއި ވީޑިއޯއިން ފެންނަ މަންޒަރުގައި ވެސް އެ ފިރިހެން މީހާގެ ބޯ ފަޅައިގެން ގޮސްމުޅި ސަރަހައްދަށް ލޭ ފެތުރިފައިވާ މަންޒަރު ފެނެއެވެ. އަދި އަތް ވެސް ބިންދައިގެން ގޮސްފައިވާ މަންޒަރު ފެނެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަަކު ވިދާޅުވީ، މިއަދު ހެނދުނު 8:30 ހާއިރު ހިޔާ ޓަވަރު އަށަކުން މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަަަށެެވެ.
އެ މީހާ ހޮސްޕިޓަަލަށް ގެންދިޔައިރު ވެސް އޮތީ ނިޔާވެފައި ކަމަށް މަންޒަރު ދުން ބައެއް ފަރާތްތަކުން ”ވަގުތަށް“ މައުލޫމާތު ދީފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގްކުރަމުންނެވެ.





