އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ (ޑަބްލިއުޑީސީ)އަށް ބޭނުންވަނީ ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެ ބައެއް ކަމަށް ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސްގެ މަގާމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ އާޝިޔަތު އަލައިކާ އަދުނާންގެ ކެމްޕެއިން އޮފީސް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ސާޖިދާ ވިދާޅުވީ އެހެން ނޫނީ ސަރުކާރާ އެކީގައި އެކުވެގެން މަސައްކަތް ނުކުރެވޭނެ ކަމަށެވެ. އަދި އަންހެނުންގެ ކޮމެޓީއެއް ހޮވިފައި އޮންނަ އެއް ސަބަބަކީ އަންހެނުންނަށް ދިމާވާ އެކި ގޮންޖެހުން ތަކުގައި ސިޔާސަތުތައް ކަނޑައެޅިގެންދާއިރު، އަންހެނުންގެ ފަރާތުން، އަންހެނުން އެ މައުލޫމާތު ގެންގޮސް ކުރެވޭނެ ކަންކަން ބެއްލެވުން ކަމަށްވެސް މެޑަމް ސާޖިދާ ވިދާޅުވިއެވެ.
”މިފަދަ ކޮމެޓީއެއް ބާއްވާއިރު، އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެއް، މިއީ ކީއްކުރާ ކޮމެޓީއެއް ކަމާއި، މިތަނުން ކީއްހޭ ކުރާނީ، އެއްގޮތަކަށްވެސް މިގޮތަށް އަޅުގަނޑުމެން ވިސްނައިގެން ނުވާނެ، އެއިރުން އަންހެނުން އަންހެނުންނަށް ބާރުވެރި ކުރެވޭނީވެސް،.“ ސާޖިދާ ވިދާޅުވިއެވެ.
ސާޖިދާ ވިދާޅުވީ، އަންހެނުން ބާރުވެރި ކުރުވާ ވާހަކަދައްކާއިރު، މިފަދަ ކޮމެޓީއެއްގައި ތިބޭ އަންހެން ބޭފުޅުންނަކީ އެއްވެސް ބައެއް ނޫން ކަމަށް ދެކޭ ކަމަށާއި، ނަމަވެސް އެ ދެކޭ ދެކުމަކީ ގޯހެއް ކަަމަށެވެ.
”އެހެން ދެކޭ ކަމުގައިވަނީނަމަ ދެން ކޮން ބައެއްތޯ އަޅުގަނޑުމެން ބާރުވެރި ކުރުވަން ނުކުންނާނީ. އެހެންވީމަ އަޅުގަނޑުމެން މިއަދު މި ޖެހެނީވެސް ޑަބްލިއުޑީސީއަކީވެސް އަޅުގަނޑުމެންގެ ކުރިއެރުވުމަށްޓަކައި އޮތް ކޮމެޓީއެއްކަން ގަބޫލު ކުރަން،“.
ގިނަ ފަހަރު އަންހެން ބޭފުޅުން ކައިރީގައި ދަންނަވަން ޖެހޭ ވާހަކަތައް ބުނެލަން ފަސޭހަވާ ކަން ފާހަގަކުރައްވާ ސާޖިދާ ވިދާޅުވީ އެންމެ ގާތުން ރައްޔިތުން ދިރިއުޅެމުންދާ ގޮތް ދެކޭނެ ފެންނާނެ ބޭފުޅުންނަކީ ޑަބްލިއުޑީސީގެ ކޮމެޓީގައި ތިއްބަވާ ބޭފުޅުންކަން ޔަގީން ކަމަށެވެ.
”އެހެން ވީމަ އަޅުގަނޑުމެން މިއަދު ބޭނުންވަނީ މި މަގާމުތަކަށް ހޮވާ ފަރާތްތަކަކީ އަޅުގަނޑުމެންގެ ސަރުކާރާ ގުޅުވައިދޭ ބައެއްގެ ގޮތުގައި ހިމެނެން، މި ގުޅުމުން ގުޅުވޭނީ ސަރުކާރާއި އެކީގައި މަސައްކަތް ކުރާ ބަޔަކަށް، އެހެން ވީމަ އަޅުގަނޑަށް ބުނެވޭނީ ޕީއެންސީގެ ކެންޑިޓޭޓުންނަށް ވޯޓު ދެއްވާށޭ ތިޔަބޭފުޅުން، ނޫނީ ސަރުކާރާ އެކީގައި އެކުވެގެން އަޅުގަނޑުމެންނަކަށް މަސައްކަތެއް ނުކުރެވޭނެ، އެއިރުން އަޅުގަނޑުމެން ބޭނުންވާ ލަނޑުދަނޑިތައް ހާސިލް ކުރެވޭނީ، އަޅުގަނޑުމެން މި ބޭނުންވާ މަގަށް ކުރިއަށް ދެވޭނީ.“ ސާޖިދާ ވިދާޅުވިއެވެ.





