ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާބެހޭ ގާނޫނުގައި ބަޔާންކުރާ ސަރަޙައްދު ބެލެހެއްޓުމުގެ މަސައްކަތް ދިވެހި އަސްކަރިއްޔާއިން ކުރަމުން ގެންދާނެކަމުގެ ޔަގީންކަން އެންމެހައި ދިވެހި ރައްޔިތުންނަށް ދިވެހި އަސްކަރިއްޔާއިން ދީފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައިވާ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސަރަޙައްދުގެ ރައްކާތެރިކަން ދެމެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއް ކަމުގައި ބަޔާންކޮށްފައިވީ ހިނދު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ގާނޫނު ތަކުގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ސަރަޙައްދުތަކަށް އެއްވެސް ބަދަލެއް އައިސްފައިވާ ކަމަށް ދިވެހި ދައުލަތުން ބަލައި ނުގަންނަކަމަށް 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން ހުށަހަޅުއްވަމުން ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ އިއުލާން ކުރައްވާފައިވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 243 ވަނަ މާއްދާގައި ދިވެހިރާއްޖޭގެ ސަރަޙައްދާއި، ހާއްސަ އިގުތިސާދީ ސަރަޙައްދާއި ރައްޔިތުން ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ސިފައިންގެ މައިގަނޑު މަގުސަދުކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން އެމްއެންޑީއެފްއިން ބުނީ ސިފައިންގެ ގާނޫނުގައި ދިވެހިރާއްޖޭގެ ސަރަޙައްދާއި، ހާއްސަ އިގުތިސާދީ ސަރަޙައްދު ދިފާއުކޮށް، ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީވެސް ސިފައިންގެ މަސްއޫލިއްޔަތެއް ކަމުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާބެހޭ ގާނޫނުގައި ބަޔާންކުރާ ސަރަޙައްދު ބެލެހެއްޓުމުގެ މަސައްކަތް ދިވެހި އަސްކަރިއްޔާއިން ކުރަމުން ގެންދާނެކަމުގެ ޔަގީންކަންވެސް އެމްއެންޑީއެފްއިން ވަނީ ދީފައެވެ.





