- އިސްތިހާރު -spot_img

ގަމުގައި ބިނާކުރި ”ތުނޑީ ބަނދަރު މިސްކިތް“ ހުޅުވައިފި

ލ. ގަމުގައި ހެޔޮ އެދޭ ފަރާތަކުން ބިނާކުރި އައު މިސްކިތް ”ތުނޑީ ބަނދަރު މިސްކިތް“ އިއްޔެ ރަސްމީކޮށް ހުޅުވައިފިއެވެ.

އިއްޔެ ހުކުރު ނަމާދަށް މި މިސްކިތް ހުޅުވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓާ އަލްއުސްތާޒު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރެވެ. މި މިސްކިތުގެ އަމަލީ މަސައްކަތް ފެށީ 11 މެއި 2023 ގައިއެވެ. އަދި  މި މިސްކިތަކީ 342 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށް އިސްލާމީ ވުޒާރާއިން ބުންޏެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން އިތުރު މިސްކިތްތަކެއް ހުޅުވުމަށް ވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އެގޮތުން މި އަހަރު މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތަށް 15 މިލިޔަން ރުފިޔާ ހަރަދުކުރުމަށް ނިންމާފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވޭތުވެދިޔަ އަހަރު 74 މިސްކިތަކާއި ހަތް އިސްލާމީ މަރުކަޒާއި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ތިން ގޮތްޕަކާއި ހަ ވަގުފު އިމާރާތާއިއެކު ޖުމުލަ 90 މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށްގެންދިޔަ ކަމަށެވެ.

ހަމައެހެންމެ ދިއްދޫ އިސްލާމީ މަރުކަޒާއި 10 ރަށެއްގައި މިސްކިތް ބިނާ ކުރުމުގެ މަސައްކަތް ނިންމާ ހުޅުވިފައިވާ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރަމަޟާން މަސް ފެށުމުގެ ކުރިން އިތުރު އަށް މިސްކިތެއް ހުޅުވަން ހަމަޖެހިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްދާ ކަމަށެވެ. އަދި މިދިޔަ އަހަރު 19.4 މިލިޔަން ރުފިޔާ މިސްކިތްތައް މަރާމާތުކުރުމަށް ހަރަދުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ  މިއަހަަރު ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން އިތުރު 10 ރަށެއްގައި އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

”މީގެ ތެރެއިން ތިން މަރުކަޒުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައި. މިއަހަރު އިތުރު 17 ރަށެއްގައި މިސްކިތް ބިނާކުރުމުގެ މަސައްކަތް ފެށޭނެ.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހުޅުމާލޭގައި ގްރޭންޑް މިސްކިތް ބިނާކުރުމުގެ މަސައްކަތް މި އަހަރު ފެށޭއިރު މިސްކިތްތަކުގެ މައި ހޯލުގައި 800 އަށްވުރެ ގިނަ މީހުންނަށްވުރެ ގިނައިން ނަމާދު ކުރެވޭ މިސްކިތްތަކުގެ މައި ހޯލާއި އަންހެނުން ނަމާދުކުރާ ބައި އޭސީ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި މާލެގައި ހުރި ހަތަރު މިސްކިތްތަކުގެ މައި ހޯލާއި އަންހެނުން ނަމާދުކުރާ ބައި ރަމަޟާން މަސް ފެށުމުގެ ކުރިން އޭސީ ކުރެވޭނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި