ތަރައްގީގެ މަގުގައި ކުޅުދުއްފުށީ ރައްޔިތުން ތިބީ އެހެން ރަށްތަކަށްވުރެ މާކުރީގައި ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ހދ. ކުޅުދުއްފުށިން ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓުންގެ ކެމްޕެއިން އިފުތިތާހު ކުރަން އެ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަދި އެ ސިޓީގައި އާބަދީ އިތުރުވަމުން އަންނައިރު ބޯހިޔާވަހިކަމުގެ ދަތިކަން އިންތިހާއަށް އެރަށުގައި އޮތްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެ މައްސަލައަށް ހައްލެއް ހޯދުމަށް އެ ސިޓީގެ ރައްޔިތުން ސަރުކާރުން އެދޭ ކަމަށެވެ. އަދި އެ ސިޓީގައި ފެށިފައިވާ 400 ހައުސިން ޔުނިޓުގެ މަސައްކަތް ހުއްޓިފައިވާއިރު، އެއީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
2022 ވަނަ އަހަރު ޖުލައި މަހު ކުރީގެ އެމްޑީޕީގެ މަޖިލިސް މެމްބަރެއްގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއުއަށް ދައުލަތުގެ ބަޖެޓުން 86 މިލިއަން ރުފިޔާ ހަރަދުވެފައިވީ ނަމަވެސް މި ސަރުކާރުން އެދުނުގޮތަށް މަސައްކަތް ކުރިޔަށް ގެންގޮސްފައިނުވާތީ އެ އެއްބަސްވުން އުވާލައި އެޗްޑީސީއާ އެ މަސައްކަތް ހަވާލުކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
”އެޑްވާންސް ޕޭމެންޓުގެ ގޮތުގައި 65 މިލިއަން ރުފިޔާ ދެވިފައިވޭ. އަދި އޭގެ އިތުރަށް 21 މިލިއަން ރުފިޔާ ޕްރޮޖެކްޓް ހިނގަމުން ދަނިކޮށް ދެވިފައިވޭ. އެހެންނަމަވެސް 18 މަސް ނިމިގެން ވެރިކަން ބަދަލުވެގެން ދިޔައިރުގައި މަޝްރޫއުގައި ނިމިފައިވަނީ 18 އިންސައްތަ މަސައްކަތް.“ ވަޒީރު ވިދާޅުވިއެވެ.
މި މަހު ނޫނީ މާރިޗު މަހުގައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށާއި، މި ސަރުކާރުން ކުރިޔަށް ގެންދާ 2000 ހައުސިން ޔުނިޓުގެ މަސައްކަތްވެސް މި އަހަރުތެރޭ ފެށިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކުޅުދުއްފުށީ ސިޓީގައި އެއާޕޯޓެއް ތަރައްގީކުރަން އުޅުމުން އިދިކޮޅު އެމްޑީޕީއިން އެކަމަށްވެސް ހުރަސް އަޅާފައިވާ ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ރައްޔިތުންގެ ހިތްވަރުން އެ އެއާޕޯޓުގެ އެ ސިޓީއަށް ގެނެވިފައިވާ ކަމަށެވެ.
ކުރިޔަށް އޮތް އިންތިހާބުގައި އެ ފިކުރަށް ވޯޓު ދިނުމަށް އެދިވަޑައިގެން ވަޒީރު ވިދާޅުވީ ކުޅުދުއްފުއްޓަކީ ހަމައެކަނި ސިޓީއެއް ނޫން ކަމަށެވެ. އަދި އެ ސިޓީއަކީ ޖިއޮގްރަފީ ގޮތުންނާއި އިގްތިސާދީ ގޮތުން ބެލިކަމުގައިވިޔަސް އަދި އިޖުތިމާއީ ތަރައްގީގެ ގޮތުން ބެލި ކަމުގައި ވީޔަސް ރައްޔިތުންގެ ރޫހަށް ބެލިކަމުގައިވިޔަސް ކުޅުދުއްފުއްޓަކީ އުތުރުގެ މައި ރަށް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން ދަރިންނަށް ތައުލީމު ދިނުމާއި އުޖާލާ މުސްތަގުބަލެއް ބިނާކުރުމަށް އެތައް އާއިލާއެއް ހިޖުރަކޮށް ކުޅުދުއްފުށީގައި ދިރިއުޅެމުން އަންނަކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ކުޅުދުއްފުށީ ސިޓީއަކީ ދިވެހިރާއްޖޭގެ ރަށްތަކުގެ ތެރެއިން އިންވާޓް މައިގްރޭޝަނެއް އޮތް މަދު ރަށްތަކުގެ ތެރެއިން އެއް ރަށް ކަމަށެވެ.





