ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ހަމައަށް ހުދު ސަމާލު ނެރެފި އެވެ.
މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 7:25 އިން ފެށިގެން މެންދުރު 12:00 އާ ހަމައަށެވެ. މެޓުން ބުނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މިއަދު ހަވީރު 6:00 އާއި ހަމައަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު މެދު ރާއްޖެ ތެރޭއާއި ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ. އަދި އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެކަމަށްވެސް މެޓުން ލަފާކޮށްފައިވެއެވެ.
މެޓުން ބުނީ އުތުރާއި އިރު އުތުރުން، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި އެހެން ހިސާބުތަކަށް ގަޑިއަކު 6 މޭލާއި 16 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށްވެސް މެޓުން ބުންޏެވެ.
މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުންވެސް އެކަށީގެންވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދީފައިވެއެވެ.
ކަނޑުތައް މެދުރާއްޖެތެރޭގައި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓުން ބުންޏެވެ. އަދި އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކާށް ގަދަވާނެ ކަމަށްވެސް މެޓުން ބުންޏެވެ. މެޓުން ވަނީ މެދު ރާއްޖެތެރެއާއި ދެކުނުގެ މޫސުމަށް ސަމާލުވުމަށްވެސް އިލްތިމާސްކޮށްފައެވެ.





