ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓާ ސްޓައިންމަޔާގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ޖަރުމަނުވިލާތަށް ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ މި ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން 9 ފަސް ދުވަހުގެ މުއްދަތަކަށް ކަމަށެވެ.
ހަމައެހެންމެ ރައީސްގެ މި ދަތުރުފުޅުގައި، ޖަރުމަނުވިލާތުގެ ރައީސް ސްޓައިންމަޔާގެ އިތުރުން ޖަރުމަނު ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު އެމަނިކުފާނުގެ މި ދަތުރުފުޅުގައި ޖަރުމަނުވިލާތުގައި ބިޒްނަސް ފޯރަމެއް ބޭއްވެވުމުގެ އިތުރުން، މިދަތުރުފުޅުގެ ބައެއްގެ ގޮތުގައި ހިމެނިގެން، ބަރލިންގައި ހުންނަ ހަމްބޮލްޓް ޔުނިވާސިޓީއަށް ވަޑައިގެން ”މޫސުމީ ބަދަލަށް ހޭނުމުގައި ދިވެހިރާއްޖޭގެ ތަޖުރިބާ“ ހިއްސާކުރައްވައި އެ ޔުނިވާސިޓީގައި ތަގުރީރު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި މި ދަތުރުފުޅުގައި ޖާމަން ކައުންސިލް ފޯ ފޮރިން ރިލޭޝަންސަށް ޒިޔާރަތް ކުރައްވައި ތަގުރީރު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފަ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެއެވެ.
ރައީސްގެ މި ދަތުރުފުޅު ދިމާވަނީ ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތާ ކަމަށާއި، ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރެވުނީ 5 ޖުލައި 1966 ގަ ކަމަށް ރައީސް އޮފީހުން ބުންޏެވެ.





