މި އަހަރު ސިއްހީ ދާއިރާއިން އެންމެ ނުފޫޒު ގަދަ 100 ޝަހުސިއްޔަތުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގެންފިއެވެ.
އެމަނިކުފާނަށް މި ޝަރަފު ލިބިވަޑައިގެންފައިވަނީ، އާއްމު ސިއްހަތު ކުރި އެރުވުމަށާއި، ބަލިތަކުން ރައްކާތެރި ވެއްޓެއް ގާއިމުކުރެއްވުމަށް، އެ ކަނޑައަޅުއްވާފައިވާ ސިޔާސަތުތަކާއި، އެމަނިކުފާނު ކުރައްވާފައިވާ މަސައްކަތްޕުޅުތަކުގެ ސަބަބުން ކަން ފާހަގަކުރެވެއެވެ.
އެ މަޖައްލާއިން ބަލިތަކުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދެއްވާފައިވާ މި ސަރުކާރުގެ ސިއްހަތާބެހޭ ސިޔާސަތުތަކާއި، އެމަނިކުފާނުގެ އިސްނެންގެވުމުގެ ދަށުން، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އަޅުއްވާފައިވާ ފިޔަވަޅުތައް ފާހަގަކޮށްފައިވާއިރު އޭގެ ތެރޭގައި، ޖެނުއަރީ 2007 ގެ ފަހުން އުފަންވާ އެއްވެސް މީހަކަށް ދުންފަތުގެ އުފެއްދުންތައް ވިއްކުމާއި ގަތުން މަނާކޮށް ތަންފީޒުކުރައްވާފައިވާ ޖެނެރޭޝަނަލް ބޭން އާއި، ވޭޕް އާއި އީ ސިގިރޭޓު އެތެރެކޮށް، ވިއްކައި، ބޭނުންކުރުން މަނާކުރުންވެސް ހިމެނެއެވެ.
މަޖައްލާއަށް ދެއްވި ބަސްދީގަތުމުގައި އެމަނިކުފާނު ވިދާޅުވީ މީގެ ކުރިން ރާއްޖޭގެ ސިއްހީ ސިޔާސަތުތައް ބިނާކޮށްފައި ހުރީ، ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމުގެ ބަދަލުގައި، ބަލި ޖެހުމުން ފަރުވާ ދިނުމުގެ މައްޗަށް ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން މަސައްކަތްކުރަނީ، ބަލިތަކުން ރައްކާތެރިވުމަށާއި ފަރުވާ ދިނުމަށް ހަމަހަމަ ސަމާލުކަމެއް ދެއްވުމަށްކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ސިއްހީ ދާއިރާއިން އަޅުއްވާފައިވާ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި، ރައީސްގެ އިރުޝާދުގެ މަތީން ރާއްޖޭގެ ކޮންމެ ރަށެއްގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ކްލިނިކްތައް ގާއިމުކޮށްފައިވާއިރު މި އަހަރުން ފެށިގެން 24 ގަޑިއިރު ހިދުމަތްދޭ ނަފްސާނީ ސިއްހަތުގެ ހެލްޕްލައިނެއްވެސް ތައާރަފުކޮށްފައިވެއެވެ. އަދި މައިމީހާގެ ފަރާތުން ބަނޑުގައި އޮންނަ ދަރިފުޅަށް، އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ ބަލި އެރުން ނައްތާލި ފުރަތަމަ ގައުމުގެ ޝަރަފުވެސް ރާއްޖެއިން މިދިޔަ އަހަރު ހޯދާފައިވެއެވެ.
މި ހުރިހާ ފިޔަވަޅުތަކެއް އެކުއެކީގައި ކުރެއްވުމުގެ މަގުސަދަކީ، ރާއްޖޭހެ ސިއްހީ ދާއިރާއަށާއި، ދިވެހީންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް، މާނަހުރި، މިންކުރެވޭ ފަދަ އަދި ވިލުންތެރި ކުރިއެރުންތަކެއް ހޯދުންކަމަށް ރައީސް ވިދާޅުވިއެވެ.
ޓައިމް މަޖައްލާގެ މި އަހަރު ސިއްހީ ދާއިރާއިން އެންމެ ނުފޫޒު ގަދަ 100 ޝަހުސިއްޔަތުގެ ތެރޭގައި ހިމެނެނީ ސިއްހީ ދާއިރާގައި ސިޔާސަތު ކަނޑައަޅުއްވާ ފަރާތްތަކާއި، ދިރާސާވެރިންނާއި، އީޖާދީ މަސައްކަތްތައް ކުރާ ފަރާތްތަކުގެ ތެރެއިން، އެ ފަރާތްތަކުގެ މަސައްކަތްތަކުގެ ސަބަބުން ސިއްހީ ދާއިރާގައި މިންކުރެވޭ ފަދަ ނަތީޖާތައް ދައްކަވާފައިވާ އަދި މާނަވީ ބަދަލުތަކެއް ގެނެސްދެއްވާފައިވާ ފަރާތް ކަމަށްވާއިރު މި ލިސްޓުގައި ރައީސް ހިމެނިވަޑައިގަތުމުން ރަމްޒުކޮށްދެނީ، ސިއްހީ ދާއިރާއިން ރާއްޖެ ހޯދަމުންދާ ކާމިޔާބީތައް ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަމުންދާ މިންވަރާއި، ރައްޔިތުންނަށް އޭގެ ސީދާ ފައިދާ ކުރާ ފަދަ ގޮތަކަށް ސިއްހީ މަސްލަހަތުތައް ތަރުތީބުކުރެއްވުމަށް ރައީސް ދެއްވާ އަހުމިއްޔަތު ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ ދުންފަތާ ދެކޮޅަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވައި، މިދިޔަ އަހަރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓާ ޖެނެރަލް، ޑރ. ޓެޑްރޯސް އަދަނޯމް ގެބްރިޔޭސުސްގެ ފަރާތުން، އެ އަހަރުގެ ވާލްޑް ނޯ ޓޮބެކޯ ޑޭއާ ގުޅިގެން، ރައީސްއަށް ހާއްސަ އެވޯޑެއްވެސް ދެއްވާފައިވާ ކަމަށެވެ.





