- އިސްތިހާރު -spot_img

ރައީސް ޖާމަން ކައުންސިލް އޮން ފޮރިން ރިލޭޝަންސްއަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޖާމަން ކައުންސިލް އޮން ފޮރިން ރިލޭޝަންސް، ޑޮއިޝް ގެޒޭލްޝާފްޓް ފުއާ އައުސްވެއަރޓީގަ ޕޮލިޓީކް (ޑީޖީއޭޕީ) އަށް ޒިޔާރަތްކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ޑީޖީއޭޕީ އިން ރައީސްއަށް މަރުޙަބާ ވިދާޅުވީ، އެ ކައުންސިލްގެ ނައިބު ރައީސް، ރޮލްފް ނިކެލް އާއި، ޑިރެކްޓާ ތޯމަސް ކްލައިން- ބްރޮކްހޯފް އާއި، އެ ކައުންސިލްގެ ސެންޓާ ފޯ ކްލައިމެޓް އެންޑް ފޮރިން ޕޮލިސީގެ ހެޑް އަދި ޑެޕިއުޓީ ރިސާޗް ޑިރެކްޓާ ޑރ. ކިރާ ފިންކާ ކަމަށެވެ.

ރައީސް ކަނޑުތައް ބެލެހެއްޓުމާ ބެހޭގޮތުން ދިވެހިރާއްޖެއިން ގެންގުޅޭ ވިސްނުން ބަޔާންކޮށްދެއްވައި، ހާރިޖީ ސިޔާސަތުގައި ކަނޑުތައް އަދާކުރާ ދައުރާ ބެހޭގޮތުން ތަގުރީރެއް ދެއްވާފައިވާއިރު މޫސުމީ ތަންޒީމާއި ހަޔަވީ ސިންދަފާތާއި ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ގާއިމުކުރުމުގައި ކަނޑުތަކުން އަދާކުރާ ދައުރު ކިތަންމެ މުހިންމު ކަމުގައިވާ ނަމަވެސް، އިސްތިރާޖީ އަދި ހާރިޖީ ފިކުރުގައި، އެކަށީގެންވާ މިންވަރަކަށް ކަނޑުތައް ތަމްސީލު ކުރެވިފައިނުވާކަން ފާހަގަކުރައްވާފައެވެ. އަދި، ތާރީހީ، އިގުތިސާދީ، ސަގާފީ އަދި ދިފާއީ ގޮތުންވެސް ރާއްޖެ އާއި ކަނޑާ ލާމެހިފައިވާ މިންވަރު ފާހަގަކުރައްވާ ރައީސްވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ރާއްޖޭގެ އިގުތިސާދަށާއި ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ކޮށްފާނޭ ބޮޑެތި އަސަރުތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.

ރައީސް އޮފީހުން ބުނީ ރާއްޖެ އޮންނަނީ، ދުނިޔޭގެ ވިޔަފާރީގެ މައި މަގުތަކެއް އަނގޮޅިވާ، އިސްތިރާޖީ ގޮތުން ވާދަވެރިކަން ބޮޑު ސަރަޙައްދެއްގައި ކަމާއި، މީގެ ސަބަބުން، ހިންދު ކަނޑަކީ، 21 ވަނަ ގަރުނުގެ އެންމެ މުހިންމު އެއް ސަރަހައްދަށް ވެފައިވާކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ ބައިވެރިވުމާއި، އިތުބާރާއި، ހިއްސާކުރާ މިންގަނޑުތަކެއްގެ އެހީގައި، ދުނިޔޭގައި މައުލޫމާތު ދައުރުކުރާ އެންމެ ބޮޑު ވިއުގަ ކަމުގައިވާ، ކަނޑުގެ އަޑީގެ ޑިޖިޓަލް ބިނާރު ބެލެހެއްޓުމުގެ މުހިންމުކަމަށްވެސް ރައީސްވަނީ އަލިއަޅުއްވާލައްވާފަ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެއެވެ.

މޫސުމީ ހަރަކާތްތެރިކަމުގައި ވަރުގަދަ އަޒުމު ދައްކައި، ކަނޑުތަކުގެ ރައްކާތެރިކަން އިތުރުކޮށް، ޝާމިލު ގޮތެއްގައި ގިނަ ގައުމަތުން އެކުގައި މަސައްކަތްކޮށް، ބައިނަލްއަގުވާމީ މިންގަނޑުތައް ބައްޓަންކުރާ ފަރާތްތަކުގެ ގޮތުގައި ކުދި ދައުލަތްތައް ފެންނަމުންދާ މިންވަރު އިތުރުވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކަނޑުތަކުގެ މައްޗަށް ބިނާކުރެވޭ ހާރިޖީ ސިޔާސަތަކީ، ދިވެހިރާއްޖެއަށް ވުޖޫދީ، އަދި ބައިނަލްއަގުވާމީ މުޖުތަމައަށް އަސާސީ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ދުނިޔޭގެ ކަނޑުތަކަކީ، އެއްބާރުލުން ދިނުމަށާއި، ވިލުންތެރި ކަމަށާއި، މަސްއޫލިއްޔަތު ހިއްސާކުރުމަށް ޖާގަ އޮންނަ ތަނެއްކަން ކަށަވަރުކުރުމަށްޓަކައި، ޖަރުމަނުވިލާތާއި، އެނޫންވެސް، މި ވިސްނުން ހިއްސާކުރާ ބައިވެރިންނާއެކު މަސައްކަތްކުރަން ދިވެހިރާއްޖެ އޮތީ ތައްޔާރަށްކަން ފާހަގަކުރައްވާ ރައީސް ވަނީ ކުދި ޖަޒީރާ ގައުމުތަކުގެ މުސްތަގުބަލާއި، ބައިނަލްއަގުވާމީ ހަމަޖެހުން ބައްޓަން ކުރާނީ، ކަނޑުތައް ބެލެހެއްޓުމުގައި އޮންނަ އުސޫލުތަކުން ކަން ފާހަގަކުރައްވާފައެވެ.

ރައީސްގެ މި ތަގުރީރަށް ފަހު، ބައިވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އެމަނިކުފާނު ވަނީ، ކަނޑުތަކުގެ ސަލާމަތްކަން ކަށަވަރުކޮށް ވިލުންތެރިކަން އިތުރުކުރުމުގައި ރާއްޖެއިން ގެންގުޅޭ އުސޫލު ބިނާކޮށްފައިވަނީ، އަވައްޓެރި ގައުމުތަކާއެކު އޮންނަ ބަދަހި ގުޅުންތަކާއި، ސަރަޙައްދީ ނަޒާހަތްތެރިކަމަށް ކުރާ އިހުތިރާމާއި، ތިމާވެށި ރައްކާތެރިކުރުމުގެ މަތީގައިކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަޙައްދު ރައްކާތެރިކުރުމުގެ ގާބިލިއްޔަތު އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަން ފާހަގަކުރައްވާ ރައީސް ވަނީ ބައިނަލްއަގުވާމީ ފެންވަރުގައި މޫސުމީ ހަރަކާތްތެރިކަން ކުރިއަށް ގެންދިއުމަކީ ދިވެހިރާއްޖޭގެ އިލްތިޒާމެއްކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.

ދިވެހިރާއްޖެ އާއި ޖަރުމަނުވިލާތުގެ ފަސްދޮޅަސް އަހަރުވީ ޚާރިޖީ ގުޅުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ ގޮނޑުދޮށް ހިމާޔަތްކުރުން ފަދަ އިސްނެގުންތައް ހިމެނޭހެން، އެއް ގައުމަށް އަނެއް ގައުމަށް ދޭ އެއްބާރުލުން އިތުރުކުރުމަށް ހުރި ފުރުސަތުތަކުގެ މައްޗަށްވެސް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި