ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ބާލިންގެ ހުމްބޯލްޑްޓް ޔުނިވާސިޓީއަށް އިއްޔެ ޒިޔާރަތްކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ ބާލިންގެ ހުމްބޯލްޑްޓް ޔުނިވާސިޓީއިން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ، ވައިސް ޕްރޮވުސްޓް، ޑރ. ޔޯއާން ވިލައިން އާއި އެ ޔުނިވާސިޓީގެ ހެޑް އޮފް ދަ ޑިވިޝަން އޮފް އެގްރިކަލްޗަރަލް އިކޮލޮޖީ، ޕްރޮފެސާ ޑރ. މަސޭލް ރޯބީޝޮން ކަމަށެވެ.
ރައީސްގެ މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ އެ ޔުނިވާސިޓީގައި ހާއްސަ ތަގުރީރެއްވެސް ދެއްވާފައެވެ. ރައީސް ވިދާޅުވީ ކަންކަން ނިންމުމުގައި އެއްބަޔަކު އަނެއްބަޔަކަށް އެއްބާރުލުންދީ، އިންސާފުވެރި ނަތީޖާއެއް ނެރުމަށާއި، ދިވެހިރާއްޖެއަކީ ޖައްވަށް ވިހަގޭސް ބޭރުކުރާ މިންވަރު، ދުނިޔޭގެ ނިސްބަތުން މަދު ގައުމަކަށް ވީނަމަވެސް، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލާންޖެހޭ އެއް ގައުމަކީ ދިވެހިރާއްޖެ ކަމަށެވެ. އަދި މޫސުމީ ބަދަލުތަކަށް ހޭނި، އެކަމަށް އަހުލުވެރިވުމަކީ ދިވެހިރާއްޖެއަށް އިހުތިޔާރީ ކަމެއް ނޫން ކަމަށާއި، ނަމަވެސް، އެއީ ގައުމުގެ ދެމިއޮތުމާއި، ސަގާފަތާއި އައިޑެންޓިޓީ ނުވަތަ އަމިއްލަވަންތަކަން ހިމާޔަތްކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ހަމަމިއާއެކު، މޫސުމީ ސައެންސްގެ އިލްމުގެ އަލީގައި، ގައުމީ ފެންވަރުގައި ރާވާ ރޭވުންތަކާއި ބަޖެޓު އެކުލަވާލުމުގައި މޫސުމީ ނުރައްކާތައް ހިމެނުމުގެ މުހިންމުކަން ފާހަގަކުރައްވާ ރައީސް ވަނީ މޫސުމީ ނޭދެވޭ ބަދަލުތަކަށް ހޭނި، އަހުލުވެރިކުރުވުމުގެ މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދުން އިތުރުކުރުމަށާއި، ލޯކަލް ގަވަރނަންސްގެ ގާބިލުކަން އިތުރުކޮށްގެން، އެ މަސައްކަތްތަކަކީ މުޖުތަމަޢުގެ ބައިވެރިވުން ހިމެނޭ، އަދި ރައްޔިތުން އިސްވެ ތިބެ ކުރިއަށްގެންދާ މަސައްކަތްތަކަކަށް ހެދުމަށް ގޮވާލައްވާފައެވެ.
މީގެ އިތުރުން، މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލާންޖެހޭ ގައުމުތަކަށް އެޑަޕްޓޭޝަން ފައިނޭންސިންގް ލިބުމަކީ، މޫސުމީ އިންސާފާ ގުޅިފައިވާ ކަމެއްގެ ގޮތުގައި ސިފަކުރައްވައި، ރާއްޖެ ފަދަ ގައުމުތަކަށް ދުރާލާ ކަށަވަރުކުރެވޭ، އެކަށީގެންވާ، އަދި ލުއި ގޮތްތަކެއްގެ މަތިން ކްލައިމެޓް ފައިނޭންސް ލިބުމުގެ މުހިންމުކަން ފާހަގަކުރައްވައި އެކަމަށް ރައީސްވަނީ ބާރުއަޅުއްވާފައެވެ.
ރައީސް ވަނީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކަށް އަހުލުވެރިވުމަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތްތަކުން މިހާތަނަށް ލިބުނު ފިލާވަޅުތަކުގެ މައްޗަށް ބައްލަވާލައްވައި، މި މަސައްކަތް ލަސްކުރުމަކީ، މުސްތަގުބަލުގައި ކުރަންޖެހޭ ހޭދަ އެތައް ގުނައަކަށް އިތުރުވެގެންދާނެކަމެއްކަންވެސް ފާހަގަކުރައްވާފައެވެ. އަދި މުޖުތަމައުތަކަކީ ބަދަލުތައް ގެނައުމުގައި އިސްދައުރެއް އަދާކުރާ ބައެއް ކަމަށާއި، ފަރުތަކާއި، ކަނޑޫފާތަކާއި ގުދުރަތީ އެހެނިހެން ވަސީލަތްތަކަކީ މޫސުމީ ނުރައްކާތަކުން ދިފާއުވުމަށް އޮތް އެންމެ އަގުހެޔޮ އަދި އެންމެ ފައިދާހުރި ވަސީލަތްތައް ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. މީގެ އިތުރުން، މޫސުމީ ކަންކަމަށް އަހުލުވެރިވުމުގެ މަސައްކަތްތަކާއި ގައުމީ ތަރައްގީއަކީ އެކުއެކީގައި ކުރިއަށްދާންޖެހޭ ދެ ކަންތައްކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސައިންސްގެ މައްޗަށް ބިނާވެފައިވާ ބައިނަލްއަގުވާމީ ގުޅުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ބާލިންގެ ހުމްބޯލްޑްޓް ޔުނިވާސިޓީ ފަދަ މުއައްސަސާތަކަކީ ސައިންސާއި ސިޔާސަތުތައް އެކައްޗެއްގެ ގޮތުގައި އެކުލަވާލުމުގައި، ނާޒުކު ހާލަތްތަކުގައި ތިބި މީހުންގެ އަޑު އުފުލައިދިނުމުގައާއި، މުސްތަގުބަލުގެ މާހިރުންނާއި ލީޑަރުން ތަމްރީނު ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ތަންތަންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މޫސުމީ ގޮތުން އަންނަ ނޭދެވޭ ބަދަލުތަކަކީ ވަކި ބޯޑަރެއް ނެތް، ނުވަތަ ވަކި ސަރަހައްދީ އިމަކަށް ބެލުމެއް ނެތް ކަމަކަށް ވާއިރު، އެކަމާ ކުރިމަތިލުމަށް ބޭނުންވަނީ ހުރަސްތަކެއް ނެތް، އިލްމީ މަސައްކަތްތަކެއް ކަމަށާއި، ގައުމީ ފެންވަރުގެ ހަނި މަސްލަހަތުތަކާއި ކުރު މުއްދަތުގެ ފައިދާއަށްވުރެ ބޮޑަށް، ދުރު މުސްތަގުބަލަށް އަމާޒުކުރާ ހައްލުތަކެއް ކަމަށެވެ.
މީގެ އިތުރުން، މި ޒިޔާރަތުގައި ހިމެނިގެން ކުރިއަށްދިޔަ ސުވާލާއި ޖަވާބު ސެޝަންގައި، މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ހިލާފު މައުލޫމާތުތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި އިލްމީ މުއައްސަސާތަކުގެ ދައުރާއިބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މޫސުމީ އިންސާފު ހޯދުމަށް ބައިނަލްއަގުވާމީ މައިދާންތަކުގައި ސިޔާސީގޮތުން އެއްބާރުލުން ހޯދުމަށް އިލްމީ އިދާރާތަކަށް އެމަނިކުފާނު ބާރުއެޅުއްވާފައެވެ. އަދި ރާއްޖޭގެ ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ކުރާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ރައީސް ވަނީ ކުދި ޖަޒީރާ ގައުމުތައް ނުވަތަ ސިޑްސްގެ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ޖައްވަށް އެންމެ ގިނައިން ވިހަގޭސް ބޭރުކުރާ ގައުމުތަކުން، ނާޒުކު ގައުމުތަކަށް ދޭ އެހީތެރިކަން އިތުރުކުރުމަށް އެދިލައްވާފައެވެ.





