- އިސްތިހާރު -spot_img

ރައީސް މުއިއްޒުގެ ސިޔާސަތުތަކުގެ ދަށުން، މި ހިދުމަތުގެ ސަބަބުން ތޮއްޑޫގެ ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ: ވަޒީރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަރައްގީގެ ސިޔާސަތުތަކުގެ ދަށުން، މޯލްޑިވިއިން ތޮއްޑޫގައި ފެށި ހިދުމަތުގެ ސަބަބުން، އަތޮޅާއި ރަށުގެ ޓޫރިޒަމް ދާއިރާ އިތުރަށް ކުރިއަރާނެ ކަމަށާއި، އާންމު ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު، މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ތޮއްޑޫގައި ސީޕްލޭންގެ ހިދުމަތް ރަސްމީކޮށް އިއްޔެ ފަށާފައިވާތީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރު ވިދާޅުވީ މިއަދަކީ އަރިއަތޮޅު އުތުރުބުރީ ތޮއްޑޫގެ ރައްޔިތުންނަށް ނުހަނު އުފާވެރި ދުވަހެއް ކަމަށެވެ. 

ތޮއްޑޫއަށް ސީޕްލޭންގެ ހިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށްވާއިރު ތޮއްޑޫއަށް ސީޕްލޭން ދަތުރުތަށް ފެށުން ފާހަގަކުރުމަށް ސަގާފީ ހަރަކާތްތަކާއެކު ހާއްސަ ރަސްމިއްޔާތެއް އެ ރަށުގައި ވަނީ ބާއްވާފައެވެ. އަދި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމެވެ. މި ރަސްމިއްޔާތުގައި އައިލަންޑު އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމްވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާގެ އިސްބޭފުޅުން އަދި ތޮއްޑޫގެ ކައުންސިލްގެ މެމްބަރުންވެސް ވަނީ ބައިވެރިވެފައެވެ.

މޯލްޑިވިއަން އިން ތޮއްޑޫއަށް ސީޕްލޭންގެ ދަތުރުތައް ބާއްވަން ނިންމާފައިވަނީ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހުއެވެ. އަދި ކޮންމެ ދަތުރެއްގެ އަގަކީ 799ރ. ކަމަށް މޯލްޑިވިއަން އިން މައުލޫމާތު ދީފައިވެއެވެ. މޯލްޑިވިއަން އިން ބުނީ އެ ސަރަހައްދަށް އޮތް ޑިމާންޑު އިތުރުވަމުން އަންނަ އިރު، ސީޕްލޭންގެ ދަތުރުތަކާއެކު ފަތުރުވެރިންނަށް މިހާރަށްވުރެ ފަސޭހައިން ދަތުރުކުރެވޭނެ ކަމަށެވެ.

ރައީސް އަތޮޅުތަކުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރަށްރަށުގެ ރައްޔިތުން ދަނީ ދަތުރުފަތުރު ފަސޭހަކުރުމަށްޓަކައި ބައެއް ރަށްރަށުގައި ސީޕްލޭންގެ ހިދުމަތް ފަށައިދިނުމަށް އެދެމުންނެވެ. އަދި އެ ރަށްރަށުގައި ސީޕްލޭންގެ ހިދުމަތްވެސް ދަނީ ފައްޓަވަމުންކަން ފާހަގަކުރެވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ސީޕްލޭންގެ ހިދުމަތާއެކު ތޮއްޑޫ ރައްޔިތުންނަށް އާމްދަނީ ހޯދުމަށް އައު މަގުތަކެއް ހުޅުވިގެންދާނެ ކަމަށެވެ. އަދި ތޮއްޑޫއަކީ ޒަމާނުއްސުރެ ދަތުރުފަތުރަށް ބަރޯސާވެފައިވާ ރަށެއް ކަމަށާއި، އެ ރަށުގެ ދަނޑުވެރިކަމުގެ އުފެއްދުންތައް އެހެން ހިސާބުތަކަށް ފޯރުކޮށްދިނުމުގައިވެސް މި ދާއިރާއިން ބޮޑު ދައުރެއް އަދާކުރާ ކަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި