ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ނައިފަރު ކައުންސިލަށް ކުރިމަތިލައްވާފައިވާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކޮށް އެ ކެންޑީިޑޭޓުންނަށް އިންތިހާބު ބޮޑުތަނުން ކާމިޔާބުކޮށް ދިނުމަކީ ނައިފަރުގެ ތަރައްގީގެ މަޝްރޫއޫތައް ބާރަށް ގެންދިއުމަށް ކޮންމެހެންވެސް މުހިންމުކަމެއް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ވިދާޅުވީ ނައިފަރަކީ ރާއްޖޭގައި އާބާދީ އެންމެބޮޑު އެއް ރަށް ކަމުގައިވީނަމަވެސް، ޒަމާނުއްސުރެ ނައިފަރަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށް އޮތީ އަދިވެސް ރަނގަޅު ހައްލެއް ނުލިބި ކަމަށެވެ. އަދި ތަރައްގީގެ ޗާޓުން ނައިފަރުގެ ހައްގު މަގާމް ނައިފަރުގެ ލޮބުވެތި ރައްޔިތުންނަށް ހޯއްދައިދިނުމުގެ ހަގީގީ މަސައްކަތް އަދުގެ ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ފަށްޓަވާފައިދެއްވާފަ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެންޕެއިނުގައި އެމަނިކުފާނު ނައިފަރުގެ ލޮބުވެތި ރައްޔިތުންނަށް ވަައުދުވެ ވަޑައިގެންނެވި ގޮތަށް ’ރަނުން ރަނަށް‘ ތަރައްގީގެ މަޝްރޫއުތައް ތަންފީޒުކޮށްދެއްވާ ކަމަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ފިޔަވަހިތަކަށް ނުބައްސަވާ އެއް ފިޔަވަހިން ރަށުގެ ހުރިހާ މަގުތަކެއް ހެއްދެވުމުގެ މަޝްރޫއާ، ރަށުގެ ބިމުގެ ޖާގައިގެ ދަތިކަން ހައްލުކުރެއްވުމަށް ރަށުގެ މިހާރުގެ ބިން ދެ ގުނަ ކުރެއްވުމާ، ޒަމާންވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރެއްވުމަށް 800 ހައުސިން ޔުނިޓު ގާއިމު ކޮށްދެއްވުމާ، ރަށުގައި މިހާރު އޮތް ބަނދަރުގެ ދަތި ހައްލުކުރެއްވުމަށް މިހާރުގެ ބަނދަރުބޮޑުކޮަށް އަޕްގްރޭޑްކޮށް އިތުރު ބަނދަރެއް ހެއްދެވުން ހިމެނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ހުރިހާ ވައްތަރެއްގެ ލެބާއި އިތުރު ކްލާސްރޫމްތަކާ ވަސީލަތް ހިމެނޭގޮތަށް ސްކޫލަށް އިމާރާތެއް އިތުރުކުރުމާ، ޒަމާނީ ވަސީލަތްތަކާއި އާ ހިދުމަތްތަކާއެކު ޅ. އަތޮޅު ހޮސްޕިޓަލް އަޕްގްރޭޑް ކުރުމާ، ދެ ޔުނިވާސިޓީއެއްގެ ކެމްޕަސް ނައިފަރުގައި ގާއިމްކުރުމާ، އިސްލާމިކް ސެންޓަރެއް ބިނާކުރުމާ، ފީފާ ސްޓެންޑަޑްގެ ފުޓުބޯޅަ ސްޓޭޑިޔަމެއް ގާއިމުކުރުމާ، ގިނަ ކުޅިވަރުތަކެއް ހިމެނޭ ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްގީ ކުރުމުގެ އިތުރުން ތަރައްގީގެ އެތައް މަޝްރޫއެއް ކުޅިވަރާއި އިޖުތިމާއީ ދާއިރާތަކުން ނައިފަރުގައި ހިންގެވުމަށް ރައީސް ނިންމަވާ ދެއްވާފައިވާ ކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި މީގެ ތެރެއިން ގިނަ މަޝްރޫއުތައް މިހާރު ވަނީ ކޮންޓްރެކްޓަރުންނާވެސް ހަވާލުކުރެވި އެކި މަރުޙަލާތަކުގައިކަން ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރައްޔިތުން އެދޭނީ މިއިން ކޮންމެ މަޝްރޫއެއްވެސް އެކަށީގެންވާ އަވަސްމިނެއްގައި ނިންމާ އެތަންތަނުގެ ހިދުމަތް ލިބި ރަށް ބާރަށް ތަރައްގީވުން ކަމަށެވެ. އަދި ނައިފަރަކީ މެދު އުތުރުގެ ތަރައްގީގެ މައި ތަނބެއްކަމުގައިވުން ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ރައީސް ބޭނުންފުޅުވާ ހަލުވި މިނުގައި މިކަންކަން ކުރިއަށް ގެންގޮސް ނިންމުމުގައި ރަށު ކައުންސިލްގެ ދައުރު އިންތިހާއަށް ބޮޑު ކަމަށެވެ.
”ރަށު ކައުންސިލަކީ ރަށުގައި ތަރައްގީގެ އެކި މަޝްރޫއުތައް ހިނގާ ނުހިނގާ ގޮތް ގާތުން ބަލައި، އެ މަޝްރޫއުތައް ތަންފީޒުކުރުމުގައި ސަރުކާރަށް ހުރިހާގޮތަކުންވެސް އެހީތެރިވާންޖެހޭ އިދާރާއެއް. އެއްވެސް ހާލަތެއްގައި ސަރުކާރާ އިދިކީލިވެ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އޮންނަ އިދާރާއެއް ނޫން. އެހެންކަމުން، ރައީސް ޑރ. މުއިއްޒު ނައިފަރަށް ކަނޑައަޅުއްވާފައިވާ ނައިފަރު ރައްޔިތުން އިންތިހާއަށް އެދޭ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި އެމަނިކުފާނުގެ ސަރުކާރަށް ތާއީދުކުރައްވާ ޕީއެންސީގެ ކެންޑިޑޭޓުން އިންތިހާބުކުރުން އިންތިހާއަށް މުހިއްމު.“ ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ހަމަމިއާއެކު ލާމަރުކަޒީ ނިޒާމު ތަސައްވަރު ކުރާގޮތަށް ރަށުގެ ތަރައްގީއާއި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ދިނުމުގައި، އެ ނިޒާމަށް ފަރިތަ، އަހުލުވެރި ބަޔަކު ކައުންސިލްގައި ތިބުމަކީވެސް ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ. އަދި ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދުއާއެކު މިހާރުވެސް ކައުންސިލްގައި ތިއްބެވި ދެ މެންބަރުން ހިމެނޭހެން އިންތިހާބުގައި ކައުންސިލްގެ މެންބަރު ކަމަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ކުރިމަތިލައްވާފައިވާ ޕީއެންސީގެ ކެންޑިޑޭޓުންނަކީ ތަޖުރިބާކާރު، ގާބިލް، އެންމެނާގުޅޭ ރަށުގެ ކުރިއެރުމާއި ތަރައްގީގެ ރޭހުގައި ނަތީޖާ ނެރެދޭނެ ކެންޑިޑޭޓުން ކަމާމެދަކު އެއްވެސް ޝައްކެއް ނެތް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
”އެހެންކަމުން، ނައިފަރުގެ އެންމެހައި ލޮބުވެތި ރައްޔިތުންގެ އަރިހުން އަޅުގަނޑު އެދޭ އިހުލާސްތެރި އެދުމަކީ، ރައީސް ޑރ. މުއިއްޒު ނައިފަރުގެ ތަރައްގީއަށް ވެވަޑައިގެންފައިވާ ވައުދުފުޅުތައް ރަނުން ރަނަށް ފުއްދެވުމުގައި ތިޔަ ލޮބުވެތި ރައްޔިތުންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާލުން ދެއްވައި، ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލައްވާފައި ތިއްބެވި ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކޮށްދެއްވައި، ބޮޑު ތަފާތަކުން އެބޭފުޅުން އިންތިހާބުކޮށްދެއްވުމަށް. އަޅުގަނޑު އެދެނީ ޕީއެންސީގެ ކެންޑިޑޭޓުންނަށް ފުރިހަމަ ކާމިޔާބީއަށް. ان شاء الله“. ވަޒީރު ވިދާޅުވިއެވެ.





