ގިރާވަރުފަޅުގެ ބިން ހިއްކުން އެއް ފަހަރާ ދެ ޑްރެޖަރާއެކު ކުރިޔަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މާލޭ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވާ ގިރާވަރުފަޅުން ޖުމުލަ 167.15 ހެކްޓަރު ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެމްއޭސީއެލްއިން މިދިޔަ މަހު ހިއްކަން ފަށާފައިވަނީ ގިރާވަރުފަޅުން ނުހިއްކާ އޮތް 97.15 ހެކްޓަރުގެ ބިމެއްކަން ފާހަގަކުރެވެއެވެ.
މިދިޔަ މަހުގެ 22 ވަނަ ދުވަހު އާންމުކޮށްފައިވާ ގިރާވަރުފަޅު ހިއްކުމުގެ އީއައިއޭ ރިޕޯޓުގައި ވާ ގޮތަށް ބަލާއިރު ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހިން ހިއްކާފައިވަނީ، 12 ހެކްޓަރުގެ ބިމެކެވެ. އަދި އެއަށްފަހު ދެވަނަ ފިޔަވަހިން 18 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު 3 ވަނަ ފިޔަވަހީގެ ދަށުން މިހާރުވަނީ 26 ހެކްޓަރުގެ ބިން ހިއްކާފައެވެ.
ގިރާވަރުފަޅުން ދެން ހިއްކުމަށް ހަމަޖެހިފައިވަނީ ފުން ސަރަހައްދެކެވެ. ގިރާވަރުފަޅުގެ އައު ލޭންޑް ޔޫސް ޕްލޭނެއް އެކުލަވާލައި، ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމާ ގުޅިގެން އެ ފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި އަލުން ގުރު ނެގުން ކުރިއަށްގެންގޮސްފައިވާއިރު ގިރާވަރުފަޅުން ޖުމުލަ 4 ސައިޒެއްގެ 4،072 ގޯތި ދޫކުރުމަށްވެސް ވަނީ ނިންމާފައެވެ.
ގިރާވަރުފަޅުން ދޫކޮށްފައިވާ ގޯތީގެ އަދަދާއި ބޮޑުމިނުގެ ތަފްސީލުތަކަށް ބަލާއިރު:
• 1250 އަކަފޫޓުގެ 2605 ގޯތި
• 1650 އަކަފޫޓުގެ 1213 ގޯތި
• 2050 އަކަފޫޓުގެ 253 ގޯތި
• 2450 އަކަފޫޓުގެ 1 ގޯތި ހިމެނެއެވެ.





