މާލެ ސިޓީގެ ގަލޮޅު އަވަށުގައި ހުންނަ ސިނަމާލެ އަދި މާލެ ހިޔާގެ ފްލެޓްތަކަށް ދައްކަންޖެހޭ ޖޫރިމަނާ އެކި ސަބަބުތަކާ ހެދި ނުދެއްކޭ ފަރާތްތަކަށް ހާއްސަ އިނާޔަތްތަކެއް ދެއްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމައިވަފިއެވެ.
ރައީސް އޮފީހުން ބުނީ ރައީސް، މާލެ ސިޓީގެ ގަލޮޅު އަވަށުގައި ހުންނަ ސިނަމާލެ އަދި މާލެ ހިޔާގެ ފްލެޓް ތަކުގައި ދިރިއުޅޭ ފަރާތްތަކާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ހާއްސަ އިނާޔަތެއް ދެއްވަން މީގެ ކުރިން އެމަނިކުފާނު ނިންމަވާފައިވާ ނިންމެވުން ހިއްސާކުރައްވާފައިވާ ކަމަށެވެ. އަދި މި ބައްދަލުކުރެއްވުން އޮތީ ރައީސްގެ ރަސްމީ ގެކޮޅު، މުލިއާގޭގައި އިއްޔެ ހަވީރު ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސް މި އިނާޔަތް ދެއްވުމަށް ނިންމެވީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ކަމަށާއި މިއާއެކު އެމަނިކުފާނު ވަނީ މި ކަންކަން ތަންފީޒުކުރެއްވުމަށް ކަމާގުޅޭ އެންމެހާ އިދާރާތަކުން ފުރިހަމަ ކުރައްވަންޖެހޭ އިޖްރާއަތުތައް ފުރިހަމަކުރެއްވުމަށް މިދިޔަ މަހުގެ ހަތްވަނަ ދުވަހު އެ އިދާރާތަކަށްވެސް އަންގަވާފަ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި، ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ވަނީ އެ ފްލެޓްތަކުގެ ހާލަތާއި، ދައްކަންޖެހޭ ކުއްޔާއި، ޖޫރިމަނާގެ ކަންކަމުގައި ހުރި ކަންބޮޑުވުންތައް ރައީސްއާއި ހިއްސާކުރައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން، ސިނަމާލެ 1، 2، 3 އަދި 4 އާއި، މާލެހިޔާ 1 އަދި 2 ގެ ވެރިފަރާތްތަކަށް އިނާޔަތެއް ދެއްވުމަށް ނިންމަވާ، އެކަން ތަންފީޒުކުރުމަށް އަންގަވާފައިވާ ކަމށް ވިދާޅުވެފައިވެއެވެ.
ބައްދަލުވުމުގެ ބައިވެރިންނާ މިކަމުގެ ތަފްސީލުތައް ހިއްސާކުރައްވަމުން، މި ފްލެޓްތަކަށް ފައިސާ ދެއްކޭގޮތް ނުވުމުގެ ސަބަބުން މިހާތަނަށް އަރާފައިވާ ޖޫރިމަނާ އެއްކޮށް މައާފުކޮށްދެއްވުމަށާއި ފްލެޓްތައް ބައުވެ، ސްޓްރަކްޗާ ހަލާކުވެފައިވާތީ އާއި، އެކަމަށް ހައްލެއް ހޯއްދަވައިނުދެވި ގިނަ ދުވަސްވެފައިވާތީ، މި ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިނާޔަތެއްގެ ގޮތުގައި 100،000 (އެއްލައްކަ) ރުފިޔާ ދެއްވުމަށްވެސް ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ހަމައެހެންމެ މި އިނާޔަތް ދިނުމުގައި ފްލެޓުގެ ވެރިފަރާތުން ފްލެޓަށް ދައްކަންޖެހޭ ޖުމުލަ އަދަދު 100،000 ރުފިޔާއަށްވުރެ ބޮޑުވާނަމަ، 100،000 ރުފިޔާއާ ހަމައަށް އުނިކުރެވޭނެއިރު ފްލެޓަށް ދައްކަންޖެހޭ ޖުމުލަ އަދަދު 100،000 ރުފިޔާއަށް ވުރެ ކުޑަ ނަމަ، އެ މިންވަރެއް އުނިކުރެއްވުމަށްފަހު، މި އަދަދުން ބާކީވާ މިންވަރެއް، ފްލެޓްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކުރެވޭނެ ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ. އަދި ފްލެޓް މިލްކު ކުރުމަށް ފައިސާ ދައްކާ ނިންމާފައިވާ ފަރާތްތަކަށް 100،000 ރުފިޔާ އެއްކޮށް، އެޕާޓްމަންޓްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދެވޭނެކަމަށް ވެސް ބުނެފައިވެއެވެ.





