ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއީލް ނަވީން ރިޓަޔާ ކުރެއްވުމާއި ގުޅިގެން ފުލުހުންގެ އިދާރާ ހިންގުން، ޑެޕިއުޓީ ކަމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ހަވާލުކޮށްފިއެވެ.
ނަވީން، އިއްޔެއިން ފެށިގެން ފުލުހުންގެ ވަޒީފާއިން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވާފައިވާތީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައިވާ ގޮތުގެ މަތިން އިއްޔެ ފެށިގެން އެ ހިދުމަތް ވަގުތީ ގޮތުން ހިންގަވާނީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީ ކަމުގައި ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ކަނޑައަޅުއްވާފައިވެއެވެ.
އިސްމާއީލް ނަވީން. 30 އަހަރު މިދާއިރާއަށް ހިދުމަތް ކޮށްދެއްވާފައިވާއިރު އެމަނިކުފާނު ދިވެހި ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތީ 7 ޖުލައި 1994 ގައެވެ. އަދި ތަފާތު އެކި ބަހާތަކުގައި ނަވީން މަސައްކަތް ކުރައްވާފައިވާއިރު އޮޕަރޭޝަނަލް ދާއިރާ، ތަހުގީގީ ދާއިރާ، އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ދާއިރާގެ އެކި ބަހަތާކުގެ ވެރިއެއްގެ ގޮތުގައިވެސް އެމަނިކުފާނު ވަނީ މަސައްކަތް ކުރައްވާފައެވެ.
ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އައްޔަންކުރެއްވުމާ ހަމަައަށް ނަވީން ހުންނެވީ ހެޑް އޮފް ކޯޕަރޭޓް ސާވިސަސް ޑައިރެކްޓްރޭޓްގެ މަގާމުގައިވާއިރު ކޮމިޝަނާ އޮފް ޕޮލިސް މަގާމަށް ބޭފުޅަކު އައްޔަންކުރައްވާފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި، އަލީ ޝުޖާއު މިދިޔަ އަހަރުގެ އޭޕްރީލް މަހު އިސްތިއުފާ ދެއްވައި ރިޓަޔާ ކުރެއްވުމާއި ގުޅިގެންނެވެ.
މީގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ދިވެހި ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގެންނެވީ 30 މާޗު 1991 ގައެވެ. ފުލުހުންގެ ހިދުމަތުގައި ފަރުހާދު ހޭދަކުރެއްވި 32 އަހަރުގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ތަފާތު އެކި ބަހާތަކުގައި މަސައްކަތް ކުރައްވާފައިވެއެވެ. އަދި އޮޕަރޭޝަނަލް ދާއިރާ، ތަހުގީގީ ދާއިރާ، އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ދާއިރާގެ އެކި ބަހަތާކުގެ ވެރިއެއްގެ ގޮތުގައިވެސް އެމަނިކުފާނު ވަނީ މަސައްކަތް ކުރައްވާފައެވެ.
ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް އައްޔަންކުރެއްވުމާ ހަމައަށް ފަރުހާދު ހުންނެވީ ހެޑް އޮފް އޮޕަރޭޝަނަލް ސަޕޯޓް ކޮމާންޑް އަދި ޕީޕަލްސް ޑައިރެކްޓްރޭޓްގެ އެކްޓިން ހެޑްގެ މަގާމުގައިކަން ފާހަގަކުރެވެއެވެ.





