މި ރަމަޟާން މަސްތެރެއާއިއެކު ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި 19 މިސްކިތެއް ހުޅުވިގެން ދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ 15 މިސްކިތް ހުޅުވި، ރޯދަ މަސް ތެރޭ ވެސް ބައެއް ތަންތަން ހުޅުވުގެންދާނެ ކަމަށެވެ. އެއީ ޖުމުލަ 19 މިސްކިތް ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އޭގެ ތެރޭގައި އަމިއްލަ ފަރާތްތަކާއި ސަރުކާރުން ބިނާކުރި މިސްކިތްތައްވެސް ހިމެނޭ ކަމަށެވެ.
އިއްޔެ ހަވީރު މަސްޖިދުލް ޔޫސުފުލް ބަރުބަރީ މިސްކިތް ވަނީ ހުޅުވައިފައެވެ. މަސްޖިދުލް ޔޫސުފުލް ބަރުބަރީ ޒަމާނީ ފެންވަރަށް ތަރައްގީކޮށް އަލުން ހުޅުވާފައި ވަނީ، މާލޭގައި ހުރި ކުރީގެ މިސްކިތްތައް ޒަމާނީ ފެންވަރަށް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާ މަތުގައި ފަށާފައިވާ މަސައްކަތުގެ ތެރެއިންކަން ފާހަގަކުރެވެއެވެ.
އެ ވުޒާރާއިން ބުނީ އެ ވުޒާރާގެ ބެލުމުގެ ދަށުން އިސްލާމީ ދާއިރާއިން 90 އަށްވުރެ ގިނަ މަޝްރޫއު މިހާރު ކުރިއަށްދާ ކަމަށެވެ.
ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މިސްކިތްތައް ބިނާކޮށް، ހުޅުވާފައިވާއިރު ސަރުކާރުންދަނީ އިތުރު މިސްކިތްތަކުގެ މަސައްކަތް ނިންމާ ހުޅުވުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މާލޭ ސިޓީގެ 800 މީހުންނަށްވުރެ ގިނަ މީހުން އެއް ފަހަރާ ނަމާދު ކުރާ މިސްކިތްތައް އޭސީ ކުރުމަށް ރައީސް އިއުލާންކުރެއްވި މަޝްރޫއުގެ ދަށުން ހުޅުމާލެ އުމަރު ބިން ޚައްޠާބު މިސްކިތް އޭސީކޮށް ނިންމައި ބޭނުންކުރަން ފަށާފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.





