- އިސްތިހާރު -spot_img

”ރޯދަމަހު ދުވާލު ރެސްޓޯރެންޓްތައް ހުޅުވައިގެން ހާމަކަން ބޮޑު ގޮތުގައި ފަތުރުވެރިންނަށް ކާން ދިނުން ހުއްޓާލަން ޖެހޭ“

ރަށްރަށުގައި ރޯދަމަހު ދުވާލުގެ ވަގުތު ތަކުގައި ރެސްޓޯރެންޓްތައް ހުޅުވައިގެން ހާމަކަން ބޮޑު ގޮތުގައި ފަތުރުވެރިންނަށް ކާން ދިނުން ހުއްޓާލަން ޖެހޭކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ މި ރަމަޟާންމަހުގެ ފުރަތަމަ އިހްޔާ ފޯރަމްގައި ތަގުރީރު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

”ރަމަޟާން މަހުގެ މަތިވެރިކަން“ މި މަޢުޟޫއަށް ވާހަކަދައްކަވަމުން ވަޒީރު ވަނީ ރަމަޟާން މަހަކީ ދުއާގެ މޫސުންކަން ފާހަގަކުރައްވާ އަޅުގަނޑުމެންނަށް ދިމާވާ އެކި ދަތިތަކާއި އުނދަގޫތަކާއި އުހުރަވީ ހަޔާތަށްޓަކައި ކުރާ އުންމީދުތަކުގެ ވާހަކަ ﷲ ސުބްހާނަހޫ ވަތައާލާއަށް ދެންނެވުމަށް ނަސޭހަތްތެރިވެފައެވެ. އަދި ކީރިތި ގުރުއާނާއި ކީރިތި ރަސޫލާ މުހައްމަދު ސައްލައްﷲ އަލައިހި ވަސައްލަމްގެ މާތް ސުންނަތުން ވަރަށް ގިނަ ދުއާތައް އުނގަންނަވައިދެއްވާފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިފަދަ ދުއާތަކުން އިލްހާމްކޮށްދެނީ ﷲ ސުބުހާނަހޫ ވަތައާލާއައި އެކަލާނގެ އަޅާއާ ދެމެދު އޮންނަންވީ ވަރުގަދަ ގުޅުންކަމަށާއި އެ ގުޅުން ގާއިމްކޮށްފިނަމަ ބާއްޖަވެރިކަން ދެއްވާނެ ކަމަށެވެ.

ވަޒީރު ވަނީ ރަމަޟާންމަހުގެ ދުވަސްތަކާއި ރޭތައް ހެޔޮގޮތުގައި ހޭދަކުރުމަށް އަޒުމް ކަނޑައެޅުމަސް އެދިލައްވާފައެވެ.

ވަޒީރު ވިދާޅުވީ ރަމަޟާން މަހުގެ ހުރުމަތާއި ގަދަރު ހިފެއްހެއްޓުމަށް ގޮވާލައްވާފައެވެ. އަދި މިއީ އިސްލާމީ އަގީދާއާއި އިސްލާމީ ސަގާފަތާއި އުންމަތުގެ މަތިވެރި މޫސުމެއްކަން ހަނދާނުގައި ބެހެއްޓުމަށް އެދިލައްވާ ވަޒީރު ވަނީ ޚާއްސަކޮށް ފަތުރުވެރިކަން އޮތް ރަށްތަކުގެ ރައްޔިތުން މިކަމާ މެދު ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިލައްވާފައެވެ.

މީގެ އިތުރުން ފަތުރުވެރިކަން އޮތް ރަށްތަކުގައި ދުވާލުގެ ވަގުތުތަކުގައި ރެސްޓޯރެންޓްތައް ހުޅުވައިގެން ހާމަކަން ބޮޑު ގޮތުގައި ފަތުރުވެރިންނަށް ކާން ދިނުން ހުއްޓާލުމަށާއި، ފަތުރުވެރިންނަށް ޚިދުމަތް ދޭނަމަ އެމީހުން ތިބޭ ތަނެއްގައި އެކަމަށް ހާއްސަ އިންތިޒާމެއް ހަމަޖެއްސިދާނެކަން ވަޒީރު ވިދާޅުވިއެވެ.

ރަމަޟާން މަހުގެ މަތިވެރިކަމާއި ހުރުމަތަށް އުނިކަމެއް އަންނާނެ ފަދަ ގޮތަކަށް އެކަންކަން ކުރިއަށްގެން ދިޔުމަކީ ހުއްދަވާނެކަމެއް ނޫންކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިކަމާ ގުޅޭ ގާނޫނާއި ގަވާއިދުތައް ހުރިއިރު ކައުންސިލުތަކުން އެ ގާނޫނުތަކާއި ގަވައިދުތައް ތަންފީޒް ކުރަން ޖެހޭނެ ކަމަށެވެ.

”ދީނަށްވުރެ ވަކިން މުހިއްމުކަމެއް އޮވެގެން ނުވާނެ. މިކަންކަމުގެ ހުރުމަތްތެރިކަން ކެނޑި ހިނގައްޖެނަމަ ހެދިބޮޑުވެގެން އަންނަ ޖީލުތަކުގެ ހިތްތަކުގައި އިސްލާމްދީނާ މެދުގައި އޮންނަ ހައިބަތާއި ގަދަރާއި ކަރާމާތް ނެތިގެން ހިނގައިދާނެ. މިކަންކަމަށް ވިސްނަން ޖެހޭ“ ވަޒީރު ވިދާޅުވިއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި