ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން، އަނިޔާ ލިބޭ ފަރާތްތަކުގެ ހިމާޔަތުގައި ކޯޓުން ނެރޭ ރައްކާތެރިކުރުމުގެ އަމުރުތަކާ ހިލާފުވާ މައްސަލަތައް އިތުރުވަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ 2025 ވަނަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވެގެން ޖުމްލަ 99 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު މި މައްސަލަތަކާ ގުޅިގެން 38 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. އަދި ރައްކާތެރިކުރުމުގެ އަމުރަކީ، އަނިޔާގެ އަމަލެއް ތަކުރާރު ވެދާނެކަމުގެ ބިރު އޮތް ހާލަތް ތަކުގައި، އަނިޔާ ލިބޭ ފަރާތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކޯޓުން ނެރޭ ގާނޫނީ އަމުރެއް ކަމަށާއި، މި އަމުރު މެދުވެރިކޮށް، އަނިޔާކުރާ ފަރާތުން ވަކި ކަންތައްތަކެއް ކުރުމަށް ނުވަތަ ވަކި ކަންތައްތަކެއް ނުކުރުމަށް ފުލުހުން ބުނެފައިވެއެވެ. މީގެ މައިގަނޑު މަގުސަދަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކުގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމާއި، އެ ފަރާތްތަކުގެ އަސާސީ ހައްގުތައް ހިމާޔަތްކޮށްދިނުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ހަމައެހެންމެ ކޯޓުން ނެރޭ ”ރައްކާތެރިކުރުމުގެ ވަގުތީ އަމުރު“ ނުވަތަ ”ރައްކާތެރިކުރުމުގެ އަމުރު“ އާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެނަމަ، އެއީ ޖިނާއީ ކުށެއްގެ ގޮތުގައި ތަހުގީގު ކުރެވޭނެ ކަމެއް ކަން ފާހަގަކޮށް ފުލުހުން ބުނީ މިފަދަ މައްސަލަތައް ތަހުގީގު ކުރުމަށްފަހު، ދައުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވޭނެ ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން 2025 ވަނަ އަހަރުގެ ތެރޭގައި މިފަދަ 24 މައްސަލައެއްގައި ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
ފުލުހުން ވަނީ ކޯޓުތަކުން ނެރޭ ރައްކާތެރިކުރުމުގެ އަމުރުތަކަށް ފުރިހަމައަށް ބޯލަނބައި، އެ އަމުރުތަކަށް އިހުތިރާމްކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި އަމުރާ ހިލާފު އެއްވެސް އަމަލެއް ހިނގާނަމަ، ލަސްނުކޮށް އެކަން ރިޕޯޓުކުރުމަށްވެސް ބާރުއަޅާ ކަމަށާއި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް އަމާން ރައްކާތެރި މާހައުލެއް ކަށަވަރުކޮށް ދިނުމަކީ ދިވެހި ފުލުހުންގެ ހިދުމަތުން ބޮޑު އިސްކަމެއްދޭ އެއް މަސައްކަތެއް ކަމަށް ފުލުހުން ބުންޏެވެ.





