ޖަޕާނުގެ ބޮޑު ވަޒީރުކަމުގެ މަގާމަށް ސަނޭ ޓަކައިޗީ، އަލުން އިންތިހާބުކުރުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އެކަމަނާއަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސް ވިދާޅުވީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލިހުން އެކަމަނާ އައު ދައުރަކަށް ހޮއްވެވުމަކީ ބޮޑު ވަޒީރުކަމުގެ ލީޑާ ޝިޕާއި ތަޖުރިބާ އާއި ގާބިލުކަމާއެކު، އެކަމަނާގެ ޒައާމަތުގައި ޖަޕާނަށް އިތުރު ކުރިއެރުމާއި ތަރައްގީ ހޯއްދަވައި ދެއްވޭނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަން އެބައޮތްކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.
ރާއްޖެ އާއި ޖަޕާނާ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި ގާތްގުޅުމަށް 2027 ވަނަ އަހަރު 60 އަހަރު ފުރޭކަން ފާހަގަކުރައްވައި ރައީސް ވަނީ ޖަޕާނުން ރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށް ކެނޑިނޭޅި ފޯރުކޮށްދެމުންދާ އެހީތެރިކަމަކީ ދިވެހި ރައްޔިތުން އެކަމަކަށް، އިހުލާސްތެރިކަމާއެކީ ޝުކުރުވެރިވާ ކަމެއްކަންވެސް ފާހަގަކުރައްވާފައެވެ.
ރައީސް ވިދާޅުވީ ބޮޑު ވަޒީރުކަމުގެ އައު ދައުރުގައި ދެ ގައުމުގެ ރައްޔިތުންގެ ލާބައަށްޓަކާ މިހާރު އޮތް ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ. އަދި ބޮޑު ވަޒީރަށް ކާމިޔާބީ އާއި، ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގެން، ޖަޕާނުގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމަށްވެސް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.





