އެންމެހައި ފަރާތްތަކުގެ ހައްގުތަކާއި ކަރާމާތް ނެގެހެއްޓިފައިވާ، ހަމަހަމަ އަދި ޝާމިލު މުޖުތަމައުތައް ބިނާކުރުމުގެ އަޒުމުގެ މަތީގައި ދިވެހިރާއްޖެ ދެމި އޮންނާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ދުނިޔޭގެ އިޖުތިމާއީ އަދާލަތުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ އިޖުތިމާއީ އަދާލަތަކީ ހަމައެކަނި އުންމީދެއް ނޫން ކަމަށާއި، އިޖުތިމާއީ އަދާލަތަކީ، ސުލްހަވެރި، ވިލުންތެރި، އަދި ހަމަހަމަ މުޖުތަމައުތައް ބައްޓަންކުރާނޭ މަގުދައްކާ އަސާސެއް ކަމަށެވެ. އަދި ޝާމިލުކަން ކަށަވަރުކުރުމަށް މުޖުތަމައުތައް ބާރުވެރިކުރުވައި، ތަފާތުތައް ކުޑަކުރުމަށް އާ އަޒުމެއްގައި މަސައްކަތްކުރުމަށް، ބައިނަލްއަގުވާމީ މުޖުތަމައަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
އިޖުތިމާއީ ރައްކާތެރިކަން ހަރުދަނާ ކުރުމަށާއި، މިންތީގެ ހަމަހަމަކަން ކަށަވަރު ކުރުމަށާއި، ޝާމިލުކަމާއެކު ކުރިއެރުން ގެނައުމަށް ބާރު އެޅުމަށާއި، ނާޒުކު ޖަމާއަތްތަކުގެ ހައްގުތައް ރައްކާތެރިކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވާ ރައިސް ވިދާޅުވީ ގްލޯބަލް ކޯލިޝަން ފޯ ސޯޝަލް ޖަސްޓިސްގައި ރާއްޖެއިން ބައިވެރިވުމަކީ، އިޖުތިމާއީ އަދާލަތު ގާއިމުކުރުމަށް ރާއްޖެއިން ކަނޑައަޅާފައިވާ އަޒުމަށް ލިބޭ އިތުރު ބާރެއް ކަމަށާއި، މި ބައިވެރިވުމާއެކު، ގައުމީ ސިޔާސަތުތަކުގައި ބައިނަލްއަގުވާމީ މިންގަނޑުތައް އެކުލަވާލެވޭނޭ ކަމަށެވެ.
އެމަނިކުފާނު ވަނީ، ހިދުމަތްތަކަށް ވާސިލުވުމަށް ހުރި ފުރުސަތުތައް އިތުރުކުރުމަށް، ހާއްސަގޮތެއްގައި ހާއްސަ ހިދުމަތްތައް ބޭނުންވާ ފަރާތްތަކަށް އެ މަގު ފަހިކުރުމަށްޓަކައި، މުޅިން އަލަށް ފައްޓަވާފައިވާ މަސައްކަތްތަކަށްވެސް އިޝާރާތްކުރައްވާފައެވެ. އަދި މި މަސައްކަތްތަކުގެ ސަބަބުން، އުނގެނުމުގައި ދެމިތިބުމުގެ ފުރުސަތު އިތުރުކޮށް، މުޖުތަމައު ބައިވެރިކުރުމުގެ ފުރުސަތު އިތުރުކޮށް، އަދާހަމަކުރެވިފައިވާ މިންގަނޑުތަކާއި ގަވާއިދުތަކުގެ އަލީގައި، ހެއްކަށް ބިނާކޮށް ނިންމުންތައް ނިންމުމުގެ ބިންގާ ހަރުދަނާކުރެވިފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ ޕުރޮގުރާމުތައް ފުޅާކޮށް، ސިއްހީ ހިދުމަތްތައް ތަރައްގީކޮށް، ހަމަހަމަ އިގުތިސާދީ ފުރުސަތުތައް ހޯދައިދީގެން އަބުރުވެރިކަމާއެކު މަސައްކަތްކުރުމަށް އެއްބާރުލުންދިނުމަށް ދޭ އަހުމިއްޔަތުކަން ފާހަގަކުރައްވާ ރައީސް ވަނީ މުގައްރަރު މުއްސަނދިކޮށް، ލުއިފަސޭހަ ކަމާއެކު ތައުލީމު އުގެނުމުގެ އިހުތިޔާރާއެކު، ތައުލީމު އުގުނެމުގެ ފުރުސަތު އިތުރަށް ފުޅާކުރެވިފައިވާކަން ފާހަގަކުރައްވާފައިވެއެވެ.
ތަފާތުތައް އެބަހުރިކަމާއި، ކުރިމަގުގައިވެސް ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނޭކަން ގާބޫލުފުޅުކުރައްވާ ކަމަށާއި، އިޖުތިމާއީ އަދާލަތަކީ ހަމައެކަނި ވެވޭ ވައުދަކަށް ނުހަދައި، އެއީ ދުނިޔޭގެ ހަގީގަތަށް ހެދުމަށް މަސައްކަތްކުރެއްވުމަށް، ހުރިހާ ފަރާތަކަށް ރައީސްވަނީ ގޮވާލައްވާފައެވެ.
އެމަނިކުފާނު ވަނީ، އިޖުތިމާއީ އަދާލަތު ގާއިމުވުމަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންނަށް، ފުރުސަތުތަކާއި، ކަރާމާތާއި، ރައްކާތެރިކަން ފޯރުކޮށްދެއްވުންކަމަށް ވިދާޅުވެފައެވެ. އަދި އޯގާތެރިކަމާއި، ހިއްސާކުރާ ޒިންމާއަކީ އާރުކާޓީ ކަމުގައި ދެކިގެން، މި މަގުން، ދެމެހެއްޓެނިވި މުސްތަގުބަލަކާ ދިމާއަށް މިސްރާބު ޖެހުމަށް ހުރިހާ ފަރާތްތަކަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.
ދުނިޔޭގެ އިޖުތިމާއީ އަދާލަތުގެ ދުވަހަކީ، އިޖުތިމާއީ ހަމަހަމަކަން ގާއިމުކުރުމަށް ގޮވާލައި، ފަގީރުކަމާއި، ބާކީކުރުމާއި، ނާއިންސާފު ފަދަ މައްސަލަތަކާ ދެކޮޅަށް އަޑު އުފުލުމަށް ފާހަގަކުރާ ދުވަހެކެވެ. މި ދުވަސް ފާހަގަކުރަނީ ކޮންމެ ފެބުރުވަރީ މަހެއްގެ 20 ވަނަ ދުވަހުއެވެ.





