- އިސްތިހާރު -spot_img

ބައިނަލްއަގުވާމީ ފްލީޓް ރިވިއުގައި ”ހުރަވީ“ ބައިވެރިވެއްޖެ

އިންޑިއާގެ ވިޝާކަޕަޓްނަމްގައި ކުރިއަށްގެންދާ ބައިނަލްއަގުވާމީ ފްލީޓް ރިވިއުގައި، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ކޯސްޓްގާޑް ޝިޕް ”ހުރަވީ“ ބައިވެރިވެއްޖެއެވެ.
މި ހަރަކާތަކީ މި މަހުގެ 15 އިން 25 އަށް ވިޝާކަޕަޓްނަމްގައި ކުރިއަށްދާ ބައިނަލްއަގުވާމީ ފްލީޓް ރިވިއުއެކެވެ. އަދި މި ހަރަކާތަކީ ބައިވެރިވާ ގައުމުތަކުގެ އަސްކަރީ އުޅަނދުތައް އެއް ތަނަކަށް ޖަމާވެ ކުރިއަށްގެންދާ އަސްކަރީ ހަރަކާތެއް ކަންވެސް ފާހަގަކުރެވެއެވެ.
އެމްއެންޑީއެފްއިން ބުނީ މި އަހަރުގެ ފްލީޓް ރިވިއުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 74 ގައުމަކުން ބައިވެރިވެފައިވާއިރު މި ހަރަކާތުގައި ޖުމްލަ 85 އަސްކަރީ އުޅަނދު ބައިވެރިވެފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި އިންޑިއާ ކަނޑުގެ ސިފައިންގެ 66 އުޅަނދަކާއި ބޭރުގެ އެކި ގައުމުތަކަށް ނިސްބަތްވާ 19 އުޅަނދެއް ހިމެނޭއިރު އިންޑިއާ ކަނޑުގެ ސިފައިންގެ ތިން ސަބްމެރީނާއި 60 އަށް ވުރެ ގިނަ އަސްކަރީ މަތިންދާ ބޯޓުވެސް މި ހަރަކާތުގައި ބައިވެރިވެފައިވެއެވެ.
މި ހަރަކާތުގައި ގައުމުތަކުގެ އަސްކަރީ އިސްވެރިން، ބަނދަރުކޮށްފައިވާ އުޅަނދުތަކުގެ ކައިރިން ކަނޑުމަގުން ދަތުރުކުރައްވައި ފްލީޓް ބައްލަވައިލެއްވޭނެ ކަމަށާއި، މި އަހަރުގެ މި އަސްކަރީ ހަރަކާތުގައި ދިވެހި އަސްކަރިއްޔާގެ އިސްބޭފުޅެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް، ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ސަލީމު ކަމަށްވެސް އެމްއެންޑީއެފްއިން ބުންޏެވެ.
ހަމައެހެންމެ ފްލީޓް ރިވިއު ބައްލަވާލެއްވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަންޑާންޓް، ސަލީމް އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ކޮމަޑާންޓް ވަނީ ބަންގްލަދޭޝް، އިންޑިއާ، ސްރީލަންކާ އަދި އޮސްޓްރޭލިއާގެ ވަފުދުތަކާ އެކު މަޝްވަރާ ބައްދަލުވުންތައްވެސް ބާއްވަވާފައި ކަމަށާއި މި ބައްދަލުވުން ތަކުގައި މައިގަނޑު ގޮތެއްގައި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވެއެވެ.
ބައިނަލްއަގުވާމީ މިފަދަ ހަރަކާތެއްގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް ބައިވެރިވުމަކީ ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރު ކުރުމަށާއި، ބޭރުގެ ގައުމުތަކުގެ އަސްކަރިއްޔާތަކާ އެކު އޮންނަ ގުޅުން ބަދަހިކުރުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށްވެސް އެމްއެންޑީއެފްއިން ބުންޏެވެ.
spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި