ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އެމްއެމްއޭ ސަރަހައްދާއި ހުޅުމާލެ ޕެޓްރޯލް ޖެޓީއަށް ވަގުތީ ގޮތުން ބަދަލުކުރި މުދަލާއި ފަސިންޖަރުން އުފުލާ އުޅަނދުތައް، އަލުން މާލޭ ނޯތު ހާބަރުގެ ’އޭ ޒޯން‘ (ބޮޑުތަކުރުފާނު މަގާވީ ފަރާތު ތޮށިގަނޑު) އަށް ބަނދަރުކުރަން ފަށައިފި ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
އެމްޕީއެލް އިން ބުނީ މާލޭ ނޯތު ހާބަރުގެ ޓީމުން މިހާރު މަސައްކަތް ކުރަމުންދަނީ މީގެ ކުރިން ’އޭ ޒޯން‘ އިން ލިބެން ނެތް ކަރަންޓާއި ފެނުގެ ހިދުމަތް އެ ސަރަހައްދުން ފޯރުކޮށްދިނުމަށް ކަމަށާއި، ނޯތު ހާބަރުގެ ހިދުމަތް އަލުން ފެށިއިރު ގެނެވުނު އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ، ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި ހުރި ފައްތިޔާތަކުގެ ބަދަލުގައި 36 ފައްތިއްޔާ ބުޑު ފައްތައި، މުޅިން އައު ފައްތިއްޔާތައް ބޭނުންކުރަން ފެށުން ކަމަށެވެ.
އެމްޕީއެލްއިން ބުނީ މި ބަދަލާއެކު، އެ ބަނދަރު ބޭނުންކުރާ އުޅަނދު ފަހަރަށް ކުރިއަށްވުރެ ރައްކާތެރިކަމާއެކު ބަނދަރު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
ހަމައެހެންމެ ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ނޯތު ހާބަރުގެ ”ބީ ޒޯން“ (ހުޅަނގު ފަރާތު ތޮށިގަނޑު) އަށް އުޅަނދުތައް ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްޕީއެލްއިން ބުންޏެވެ.





